2020 ވަނަ އަހަރުގެ ތެރޭގައި ރިސޯޓު މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މައްސަލައަށް ހަައްލެއް މި ސަރުކާރުން ގެނެސްދެއްވާނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖު ދޭ އަދަދުތައް މިނިސްޓްރީން ފެންނަން އެބަހުރި ކަމަށާއި ސިނާއަތުގައި އިންވެސްޓް ކޮށްގެން ތިބި މައިގަނޑު ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށެވެ.
ނޫސްވެރިޔާ ވަނީ ސުވާލު ތަކުރާރުކޮށް ސާވިސް ޗާޖު ނުދޭ ވާހަކައަކީ ވަރަށް ގިނަ މުވައްޒަފުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ބުނެފައެވެ. އެހެން ނަމަވެސް، އަލީ ވަހީދު ވިދާޅުވީ އެންމެ މީހަކު ދައްކާ ވާހަކައަކީ އެއީ ހުރިހާ އެންމެންގެ ވާހަކައެއް ނޫން ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ބައެއް ފަހަރު ރިސޯޓުން ކަނޑާލުމުން އެކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމުވާ ކަމަށާއި އެ ޝަކުވާތައް ގިނަ ފަހަރު ޓުވީޓު ކޮށްފައި ހުންނަނީވެސް ފޭކު އެކައުންޓުތަކުން ކަމަށެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގުރާމުގައި ރިސޯޓް މުވައްޒަފުންގެ ސާވިސް ޗާޖާއި ގުޅޭގޮތުން އަލީ އާޒިމް ވިދާޅުވީ، ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ނުދޭކަން އެއީ ގަބޫލު ކުރަންޖެހޭ މައްސަލައެއް ކަމަށެވެ.
އެހެން ނަމަވެސް، އެއީ މިއަދަކު، ނުވަތަ އިއްޔެއަކު ފެންމަތިވެގެން އުޅޭ މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ މިހާ ބާރުމިނުގައި މީގެ އަހަރުތަކުގައި ވެސް މިވާހަކަތައް ދައްކާފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ، ވާދަވެރި ސިޔާސީ މީހުންނަށް ސަރުކާރާއި ގުޅޭގޮތުން ދައްކާނެ މާގިނަ ވާހަކަތަކެއް ނެތް ކަމަށެވެ. އެހެން ނަމަވެސް، ކިތަންމެ ކުޑަ މައްސަލައެއް ވެސް ބޮޑުކޮށްލައިގެން ދެއްކުމުގެ ސަގާފަތެއް މިހާރު އަށަގެނިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
”އެހެންވީމަ ކަންނޭގެ މިއަދު ކުށްލިއަކަށް ސާވިސް ޗާޖުގެ ވާހަކަ މިހާ ބާރަށް ދައްކަން މިޖެހުނީ. ހަމަ މީގެ ކުރިންވެސް އޮތް ކަމެއް. އަޅުގަނޑުމެން ވީ ވައުދެއް މިިނިމަމް ވޭޖު ތައާރަފްކުރުމާއި އަޅުގަނޑުމެން ސާވިސް ޗާޖު ނުދެވިވާ ފަރާތްތަކަށް ނުވަތަ އެ ދޭންވާ ގޮތަށް ނުދޭތީވެ ރިސޯޓުތަކުން އެކަން ބަލާފަ އަޅުގަނޑުމެން ކުރަން. އަދި މިވީ އަހަރެއް. އެނގިވަޑައިގަންނަވާނެ އަހަރެއްވީއިރު އޭގެ ކުރީގެ ހަތް އަހަރު މި އޮތީ ސަރުކާރެއް ހިންގަންޖެހޭ ގޮތާއި މުޅިން އިދިކިއްޔަށް.“ އާޒިމް
އާޒިމް ވިދާޅުވީ ކަންކަން ހަމައަކަށް އެޅުމަށްޓަކާ ވަކި އުސޫލެއްގެ ތެރެެއިން ކަންކަން ބައްޓަން ކުރަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް މިއީ އިސްލާހު ކުރުމަށް ވަގުތު ނަގާނެ މައްސަލަތަކެއްގެ ގޮތުގައި އާޒިމް ވަނީ ވިދާޅުވެފައެވެ.
އަލީ އާޒިމް ވިދާޅުވީ ސާވިސް ޗާޖު ނުދެވޭކަން ފެށުނީއްސުރެ އެނގޭ ކަމަށާއި އެހެން ކަމުން އެކަމުގެ މައްޗަށް ދިރާސާއެއް ބޭނުންވާ ކަމަށެވެ. ސާވިސް ޗާޖު ދިނުން އެއީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށާއި، އެއީ ސުވާލެއްވެސް އުފައްދަންޖެހޭ ވަރުގެ ވާހަކައެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ 2020 ވަނަ އަހަރު ސާވިސް ޗާޖާއި އެކު، ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެ ލިބެންޖެހޭ ހަމަ އުޖޫރަ ލިބިގެންދާނެ ކަމަށެވެ. އަދި އެއީ މި ސަރުކާރުގެ ވައުދެއް ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް އެކަން ފުއްދަދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މީހަކު ވާހަކަ ދައްކަވަމުން ގެންދަވާއިރު އަނެކާ ހިތްހަމަ ނުޖެހޭފަދަ ވާހަކައެއް ވެސް ދެއްކިދާނެ ކަމަށެވެ. ސާވިސް ޗާޖާއި ގުޅޭގޮތުން އަލީ ވަހީދު ދެއްކެވި ވާހަކަތައް އޭނާވެސް ބަލާފައިވާ ކަމަށާއި މިނިސްޓަރ ވިދާޅުވީ ”ބަރާބަރަށް، ސާވިިސް ޗާޖު ދޭ“ ރިސޯޓުތަކެއް ވެސް އެބަހުރި ކަމުގެ ވާހަކަ ކަމަށެވެ. އާޒިމް ވިދާޅުވީ ހަގީގަތަކީ ވެސް އެއީ ކަމަށާއި، މުވައްޒަފުންނަށް ގަވައިދުން އިނާޔަތްތައް ދޭ ރިސޯޓުތައް ވެސް އެބަހުރި ކަމަށެވެ.
”އެހެން ވީމަ އެ ރިސޯޓުތަކުން ދެމުން ދަނިކޮށް ނުބުނެވޭނެ ހުރިހާ ރިސޯޓުތަކުން ނުދެއެކޭވެސް. ނޫނީ ދެމުން ނުދެއޭ ތިމަންނާ އެކަން ބަލާނަމޭ. ހަމަ އެއާއި ވިއްދައިގެން އަނެއް ޖުމްލައިގައި އަލީ ވަހީދު ވިދާޅުވީ ނުދީ ހުރި ތަންތަނުގެ މައްސަލަތައް މިދަނީ ބަލަމުންނޭ، އިރާދަކުރައްވިއްޔާ ތިމަންނަމެން އެކަންކޮށް ނިންމަ ދޭނަމޭ. ދެން އެދޭތެރޭ ދެއްކި ވާހަކައިން ބައެއް ތަންކޮޅުތައް ނަގައިގެން ހިފާ ދަމައިގެން އެ ދައްކަނީ، އަޅުގަނޑު ކުރިން މިދެންނެވިހެން ނެތް މި ސަރުކާރުން މި ސަރުކާރުގެ ވަޒީރުންނާއި ދޭތެރޭ ދެން މާ ބޮޑު ވާޙަކައެއް ދައްކަން“ އާޒިމް
އާޒިމް ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ވެސް މިހާރުވެސް ކުރިޔަށް ގެންދާ ކަމަށެވެ.
އާޒިމް ވިދާޅުވީ، މިދިޔަ ހަތް އަހަރު ދައްކަން ޖެހުނީ އިންސާފާއި ހަމަހަމަކަން ނެތުމުގެ ވާހަކަތައް ކަމަށެވެ. އޭރުވެސް ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ ދެއްކީ އެމްޑީޕީން ކަމަށާއި، ރައްޔިތުންނަށް ލިބެންޖެހޭ ހައްގުގެ ވާހަކަ ދެއްކީ އެމްޑީޕީން ކަމަށެވެ. އެހެން ކަމުން، މިވީ ހަތް އަހަރުގެ ތެރޭގައި ބައެއް ބޭފުޅުން ކުލީގެ ވާހަކައާއި، ބޭންކް އިންޓްރެސްޓުގެ ވާހަކަ ނުދެއްކީ ކީއްވެގެންތޯ ހިތައް އަރާ ކަމަށެވެ.
މިނިމަން ވޭޖާއި ގުޅޭގޮތުން ގާނޫނު ޑްރާފްޓު ކުރުން ނިމިފައިވާއިރު، އެ ގާނޫނަށް 2020 ވަނަ އަހަރު ފުރިހަމަކަމެއް އަންނާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި އިކޮނޮމިކް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތައް އޭނާ ވަނީ ފާހަގަ ކުރައްވާފައެެެވެ.
މިނިމަން ވޭޖަށް ވަކި ކްރައިޓީރިއާތަކެއް ކަނޑައަޅަންޖެހޭއިރު ވަކި ދާއިރާކަށް ވަކި ކަންތަކެއް ކަނޑައަޅަންޖެހޭ ކަން އާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ. އާޒިމް ވިދާޅުވީ، މަސައްކަތް ކުރުވާ ނުވަތަ މަސައްކަތް ކުރާ ފަރާތްތަކާއި ވެސް ބައްދަލު ކުރަންޖެހޭ ކަމަށެވެ. އެހެން ކަމުން ވަކި އަދަދެއް ކަނޑައަޅާ އެ ވާހަކަ ދައްކަންޖެހޭނީ ވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

