އައްޑޫ ސިޓީގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ލިބޭ ފައިސާ ލޯންޑަރކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހިމެނޭ އައްޑޫ ހިތަދޫ، ކޮންމުލި، ޢަލީ ނަދީމާއި އިތުރު ބަޔަކު ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
އައްޑޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ބޮޑެތި ސީރިއަސް ތުހުމަތުތައް ކުރެވެ އެވެ.
މި މައްސަލައިގެ ތަހުގީގު މުއްދަތު މާޗު މަހުގެ 2 ގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
މައިލޯ“ ގުރޫޕަށް ނިސްބަތްވާ ހިތަދޫ ފަސް މީހަކު ހައްޔަރުކޮށްފައި ވަނީ، ޑިސެމްބަރު މަހު ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި މައްސަލައިގައި ހައްޔަރު ކުރީ އެ ގުރޫޕުގެ ބޮޑެއްކަމަށް ބުނާ އެ ރަށު ކޮންމުލި، އުމުރުން 30 އަހަރުގ އަލީ ނަދީމް (މައިލޯ ނަދަމާ) އާއި، ފަލާހް، އުމުރުން 31 އަހަރުގެ ހާފިޒު ފައުޒީގެ އިތުރުން، ވެޔޮފެހެބުރުގެ، އުމުރުން 43 އަހަރުގެ އިބްރާހިމް ސިރާޖުގެ އިތުރުން ދޮރުފޮތިމާގެ، އުމުރުން 28 އަހަރުގެ ހަސަން އަލްފާފް އަދި އުމުރުން 23 އަހަރުގެ ކެކުރިމާގެ، އަމީން މުހައްމަދެވެ.
މި މީހުންގެ މައްޗަށް ކުރެވެނީ ދެ ތުހުމަތެކެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 720 ވަނަ މާއްދާގެ ދަށުން، ކުށް ކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ތުހުމަތާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ތުހުމަތެވެ.
ޕީޖީ އޮފީހުން މީޑިއާތަކަށް ބުނީ، މި މައްސަލަ ތަޙުޤީޤުކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ދިގު މުއްދަތު އެކި ފަހަރުމަތިން އިތުރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް، އެ މުއްދަތު ހަމަވިއިރު ވެސް، މި މީހުން ކުށް ކުރާ ޖަމާޢަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑަރ ކުރިކަން ޤާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ގޮތުގެ މަތިން، ތަޙުޤީޤު މުއްދަތުގެ ތެރޭގައި ދަޢުވާކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ، މި މައްސަލާގައި ބަންދުގައި ތިބި މީހުން ބަންދުން ދޫކޮށްލުމަށް ފުލުހުންނަށް މިހާރު ވަނީ ލަފާދީފައެވެ.
މި ވަގުތަށް ހެކި ނެތުމުގެ ސަބަބުން މައްސަލަ ޑިކްލައިންކުރި ނަމަވެސް، އިތުރު އައު ހެކިތަކެއް ލިބިއްޖެ ޙާލަތެއްގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އަލުން ދަޢުވާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ފުލުހުންނަށް އޮންނާނެކަމަށް ޕީޖީ އޮފީހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައިގައި ފުލުހުން އާންމު ކުރި މައުލޫމާތުތަކުގައި ބުނި ގޮތުގައި، ހައްޔަރުގައި ތިބި މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދަނީ 2017 ވަނަ އަހަރުން ފެށިގެންނެވެ. އަދި މި ނެޓްވޯކަށް އަމާޒުކޮށް ފުލުހުން ތަހުގީގު ފެށީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުގައިކަމަށް ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ ނެޓްވޯކުގައި ހިމެނޭ ހަތަރު މީހެއްގެ އަކައުންޓުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާކަމަށެވެ.

