އުމުރުން 13 އަހަރުގެ ކުޑަ އަންހެންކުއްޖަކު، ކޯޓުން ބޭރުން ކައިވެނިކޮށް ބަލިވެ އިދެ ވިހޭ މައްސަލާގައި އެކުއްޖާގެ މައިން ބަފައިންނަށް ދައުވާކޮށްފި އެވެ.
ކައިވެނީގެ ނަމުގައި 12 އަހަރުގެ ކުއްޖަކު ރޭޕްކޮށް، 13 އަހަރުގައި ވިހެއި މައްސަލައިގައި ތުހުމަތުކުރެވޭ އިސްމާއިލް ހައްމާދު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅުގެ ޑީއެންއޭ ހާއްމާދު އާއި ދިމާވާއިރު ކުއްޖާ ބަނޑުބޮޑުވި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ ކުޑަ ކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގެ ގޮތުގަ އެވެ. ހަރުކަށި ފިކުރަށް ނިސްބަތްވާ އާއިލާއެއްގެ ކުދިންތަކެއް ތައުލީމާއި އިންސާނީ ހައްގުތަކުން މަހްރޫމްކޮށްފައިވާ މައްސަލައެއް ބަލަމުން ދަނިކޮށް 13 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ހުށަހެޅީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައްސަލައާއި ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ އުމުރުން 13 އަހަރުގެ ކުޑަ އަންހެންކުއްޖަކު ވިހެއި މައްސަލާގައި އެ ކުއްޖާގެ މައިންބަފައިންނަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް އެ މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އަދި ކުއްޖާގެ ބެލެނިވެރިންގެ ތެރެއިން އެކެއްގެ މައްޗަށް ހަތަރު ދައުވާ އަދި އަނެކެއްގެ މައްޗަށް އެއް ދައުވާކޮށް، އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ އާއިލާގެ ހަ ކުދިން ތިބޭއިރު، 13 އަހަރުގެ އެ ކުއްޖާ ބަނޑުބޮޑުވީ ކުއްޖާގެ އާއިލާއާ އެކު އުޅެމުން ދަނިކޮށެވެ. އަދި އެ އާއިލާގައި ހަ ކުދިން ތިބެ އެވެ. އިންސާނީ ހައްގުތަކުން މަހުރޫމްކޮށްފައިވާ އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ، މިހާރު ވަނީ ރައްކާތެރިކަން ފޯރުކޮށްދީފައެވެ.
އެ ކުއްޖާގެ މައިންބަފައިންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންނަށް ވަކިން ކްރިމިނަލް ކޯޓުން ކުރި އަމުރުތަކުގައި ބުނެފަައި ވަނީ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޮރުވާފާނެ ކަމަށް ބެލެވޭތީ މި މަހުގެ ނިޔަލަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
ކުޑައަންހެން ކުދިންތަކެއް ތައުލީމާއި އިންސާނީ ހައްގުތަކުން މަހްރޫމްކޮށްގެން ގެންގުޅެ، އޭގެ ތެރެއިން އެއް ކުއްޖަކު ފިރިހެނަކާ ހަވާލުކޮށް ބަނޑުބޮޑުވި މައްސަލަ ފެންމަތިވީ ރ. މަޑުއްވަރީގައި އުޅޭ ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގި މަރާމާރީއެއްގެ ތެރެއިންނެވެ. ލަނޑާ ނަގަން ނުކުމެ އުޅުނު ދޯންޏެއްގައި ދޯނީގައި ހިނގައިދިޔަ ދެ ބަސްވުމެއްގެ ތެރެއިން، ހަމަލާ ދީފައިވަނީ އިސްމާއިލް ހައްމާދުއަށެވެ. އުމުރުން 26 އަހަރުގެ ހައްމާދުއަކީ، 13 އަހަރުގެ ކުއްޖާ ރޭޕް ކުރަމުން ދިޔަ މީހާއެވެ.
މީހުންގެ މުދަލަކީ ”އަނީމާ މުދާ“ ކަމަށް ބުނާ ހައްމާދު އާއި އޭނާގެ އެކުވެރިޔާ އިސްމާއިލް އާސިފްއާއި ދެބަސްވުމެއް އުފެދުނީ ވައްކަން ފަޅާއެެރުމުން އެކަމުގެ ޒިންމާ ހައްމާދު ނަގަން ބުނުމުންނެވެ. މައްސަލައެއް ފަޅާއެރުމުން، އެކަމުގެ ޒިންމާ އެކަކު ނެގުން އެއީ އެ މީހުން ގަބޫލު ކުރާ އުސޫލެވެ. ހައްމާދު އާއި އޭނާގެ އެކުވެރިޔާ އާސިފްއަކީ ދީނީގޮތުން ހަރުކަށި ފިކުރުގެ ވިސްނުން ހުންނަ މީހުންނެވެ.
މައްސަލައިގައި ހިމެނޭ ހައްމާދު އާއި އާސިފްވެސް މިވަގުތު ތިބީ ބަންދުގައެވެ. ހައްމާދުއަށް ކުޑަކުއްޖަކު ރޭޕް ކުރުމުގެ ދައުވާ ކުރާއިރު، އާސިފްގެ މައްޗަށް ކުރަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގެ ދައުވާއެވެ.

