ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
މި މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހަޅާފައިވަނީ 2 މާރިޗު 2026 ގައެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން 6 ޖަނަވަރީ 2025 ގައި ނިންމި ނިންމުން ދިރާސާކުރުމަށްފަހު ޕީޖީ އޮފީހުން ބުނެފައިވަނީ، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނެގުމަށް ކޯޓުން ނިންމާފައިވަނީ އަދި މައްސަލައިގެ ހެކި ޤަރީނާ ވަޒަންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ. އެހެންކަމުން، ހައިކޯޓުގައި އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި އެ ކޯޓަށް ތަޙްވީލުކޮށްދެއްވުމަށެވެ.
މީގެ އިތުރުން، މަނީ ލޯންޑްރިންގެ ކުށާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 އިން އެއްވެސް މުޢާމަލާތެއް ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށްވެސް ދައުލަތުން ވަނީ އެދިފައެވެ. މި އަމުރަށް އެދިފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހަމަ މި މުޢާމަލާތާ ގުޅިގެން އެފް.އޭ.އެމްގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް ކުރި މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. ޕީޖީ އޮފީހުން ދެކޭގޮތުގައި އެއް މުޢާމަލާތަކާ ގުޅިގެން ބައްސާމްގެ މައްޗަށް ކުށް ސާބިތުވިއިރު، އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދަޢުވާ ސާބިތުނުވާކަމަށް ނިންމުމަކީ ޤާނޫނީ ގޮތުން ފުށުއަރާ ކަމެކެވެ.
މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުން، އިސްތިއުނާފީ މައްސަލައިގައި ކުރިއަށްދާނެ އިތުރު ގޮތްތަކާމެދު ފަހުގެ ނިންމުންތައް ނިންމާނެ ކަމަށްވެސް ޕީޖީ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

