ދުނިޔޭގެ ސިޔާސީ މަސްރަހުގައި މީގެ ކުރިން އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެ މިހާރު މިވަނީ ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމު ހޯދާފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ، ޝާހިދު އާއްމު ކުރެއްވި މެސެޖުގައި ވިދާޅުވީ ރާއްޖެ މީގެ ކުރިން އޮތީ ”ގަލެއްގެ ދަށުގައި ފިލާފައި“ ކަމަށެވެ. އެހެން ނަމަވެސް، އަހަރު ނިމިގެން ދިޔައީ އެ މަންޒަރަށް އެތައް ބޮޑު ބަދަލެއް ގެނުވަދީފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އާ އަހަރާއި ކުރިމަތިލީ، އުމީދުން ފުރިގެންވާ ހިތްތަކަކާއި އެކު ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ 2020 ވަނަ އަހަރަކީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި، އަމިއްލަ މިނިވަން ހާރިޖީ ސިޔާސަތެއް ހިންގަން ފެށިތާ 55 އަހަރު ފުރޭ ތާރީހީ އަހަރު ކަމަށެވެ. އަދި އެކަމުން ވެސް ހިތްވަރު ލިބިގަނެ އާ އަހަރަށް މަރުހަބާ ކިޔާފައިވަނީ ދިވެހި ރާއްޖެ މުޅިން އާ ހަރުފަތަކަށް ގެންދިއުމުގެ އުންމީދާއި އެކުކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމްދު ސޯލިހް ސަރުކާރުގެ ފުރަތަމަ އަހަރު ހާރިޖީ ސިޔާސަތުތަކުން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް، ދިވެހިރާއްޖެ މިހާރު މިވަނީ އަލުން ދިވެހިންގެ އަސްލު މަގާމު ހޯދާފައިކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވަނީ ހާރިޖީ ސިޔާސަތުތައް ބިނާ ކުރުމަށްޓަކާ، ގުޅުން ބަދަހި ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ޒަމާނުއްސުރެ ރާއްޖެއާއި އެކު ގުޅުން ބަދަހިކޮށް އޮތް ގައުމުތަކާއި އިތުރަށް ގުޅުންތައް ބަދަހި ކުރުމަކީ ކޮންމެ ގައުމަކުން ވެސް ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ޝާހިދު ވިދާޅުވިއެވެ. އަދި ރާއްޖެއިން އެހެން ގައުމުތަކާއި އެކު ގާއިމް ކުރުމަށް ފަށާފައިވާ ގާތް ގުޅުމުުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ އިހުތިރާމާއި ގަދަރު ލިބޭ ފަހުރުވެރި ގައުމަކަށް ރާއްޖެވެފައިވާ ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ހިމާޔަތްކުރުމަށް ޑިޕްލޮމެސީގެ އައްޑަނަ ހުށިޔާރުކަމާއިއެކު ވަރުގަދަކުރުމާއި، މި ޖަޒީރާ ދިވެހިރާއްޖެ އަކީ ދުނިޔޭގެ ހުރިހައި ކުދި ޖަޒީރާ ގައުމުތަކެއްގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތުކުރާ އެންމެ އިސް ގައުމަކަށް ހެދުމުގެ އިތުރުން ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް އާ ފުރުސަތުތައް ފަހިކޮށް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފައިދާ ކުރަނިވި ގޮތެއްގައި ހިފުމަށް ދޮރުތައް ހުޅުވައިދިނުން.“ ޝާހިދު
ޝާހިދު ވިދާޅުވީ ރާއްޖެއިން އިންސާނީ ހައްގުތައް ހިމާޔަތް ކުރިއަރުވުމުގައި އާއި، ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް މަސައްކަތްކުރުމާއި އަދި ޕްރޮފެޝަނަލް ފޮރިން ސާރވިސް އަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

