މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާއި ގުޅިގެން މެދުކަނޑާލާފައިވާ ޔުނައިޓެޑް ޢަރަބި ޢެމިރޭޓްސް (ޔޫއޭއީ) ގެ އެއާޕޯޓުތަކުން ބައެއް ސިޓީތަކަށް ލިމިޓެޑް ފްލައިޓްތަކެއް އަލުން ފެށުމުގެ މަސައްކަތް ފަށައިފިއެވެ.
މި ނިންމުމާއެކު އެ ގައުމުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު އަލުން އާންމު ހާލަތަކަށް ގެނައުމަށް ވަނީ މަސައްކަތް ފަށާފައެވެ.
ދުބާއީ އެއާޕޯޓްސްއިން ބުނެފައި ވަނީ ދުބާއީ ވޯލްޑް ސެންޓްރަލް – އަލް މަޚްތޫމް އިންޓަނޭޝަނަލް އެއާޕޯޓް އަދި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް އިން ލިމިޓެޑް ގޮތެއްގައި އަލުން ފްލައިޓްތައް ފަށަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ފްލައިދުބާއީ އާއި އެމިރޭޓްސް އެއާލައިނުން ވެސް ވަނީ ބައެއް ދަތުރުތައް އަލުން ފަށާނެކަން އިއުލާނުކޮށްފައެވެ.
މިއަދު އަބޫ ދާބީ އެއާޕޯޓުން ވަނީ ދަތުރުތައް ރަސްމީކޮށް އަލުން ފަށާފައެވެ. އެ ގޮތުން އެންމެ ފުރަތަމަ އަބޫ ދާބީ އެއާޕޯޓުން ދަތުރު ފެށީ ލަންޑަން ހީތްރޯ އެއާޕޯޓަށް ދަތުރުކުރި އިއްޓިހާދު އެއާވޭޒްގެ ފްލައިޓެކެވެ. މިއީ ވައިގެ ސަރަހައްދު ބަންދުކުރުމަށްފަހު ފެށުނު ފުރަތަމަ ދަތުރުތަކުގެ ތެރެއިން ދަތުރެކެވެ.
ޔޫއޭއީގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރަން ޖެހުނީ އިސްރާއީލާއި އެމެރިކާއިން ގުޅިގެން އީރާނަށް ހަމަލާދެމުންދާ ދަނޑިވަޅެއްގައި، އީރާނުން ދުބާއީ، އަބޫ ދާބީ، ކުވައިތު އަދި މަނާމާގެ އެއާޕޯޓްތަކަށް ހަމަލާދިނުމާ ގުޅިގެންނެވެ. މި ނުރައްކާތަކާ ގުޅިގެން ހޮނިހިރު ދުވަހު ޔޫއޭއީން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދުގެ ބައެއް ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
މިހާރު ފްލައިޓްތައް އަލުން ފަށަމުންދިޔަ ނަމަވެސް، ސަރަހައްދީ މަސްލަހަތަށް އަންނަ ބަދަލުތަކަށް އެއާލައިންތަކުން ދަނީ ވަރަށް ބޮޑަށް ފާރަވެރިވަމުންނެވެ. ދަތުރުވެރިންނަށް އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެއާލައިންތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

