ރާއްޖެއަށް ބޭނުންވާ ތެލާއި، ގޭހާއި އަދި ކާބޯތަކެތީގެ ރިޒާވް ހުރި ކަމަށާއި، މި ތަކެއްޗަށް ރާއްޖެ ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެލުގެ އައު ޝިޕްމަންޓެއް މިހާރުވެސް ދަތުރުކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން އެ ސަރަހައްދުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލާއި، ގޭހާއި ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކަށް ބަލައި، ރާއްޖެއަށް ބޭނުންވާ ތަކެތި ހޯދުމުގައި އިތުރު ގޮތްތައްވެސް ސަރުކާރުން ބަލަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އަބަދުވެސް މެދުއިރުމަތީގެ ޓެންޝަނެއް އުފެއްދިއްޖެނަމަ އެންމެ އަވަހަށް އަސަރުކުރާ އެއްޗެއްގެ ގޮތުގައި އޮންނަނީ ތެޔޮ. މިފަހަރު ނެޗުރަލް ގޭސްވެސް މީގެތެރެއަށް ވަދެއްޖެ. އެހެންޏާވެސް އަސަރުކުރާ ހުރިހާ މުދަލަކަށް އެބަ އިމްޕެކްޓް ކުރޭ ބޭރުދުނިޔޭގައި. އެވަރު ވިސްނައިގެން އަޅުގަނޑޫމެން ރާއްޖޭގައި މި ތެލުގެ ކަންކަން މި މެނޭޖު ކުރަނީ،“ މިނިސްޓަރ ވިދާޅުވިއެވެ.
މިދިޔަ ދުވަސްތަކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 25 އާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިގެން ދިޔަ ނަމަވެސް، ސަރުކާރުން އެކަންކަން ވަރަށް ރަނގަޅަށް މޮނިޓަރ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް، ރާއްޖެއަށް ދިމާވާ އިގްތިސާދީ ހީނަރުކަންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މުދާ އުފުލާ ރޫޓުތަކަށް ބަލާއިރު، މިހާރު ތެޔޮ ހިފައިގެން އަންނަ އުޅަނދު ދަތުރުކުރާ މަގުގައި އެއްވެސް ހުރަހެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސްޓޯރޭޖް ކެޕޭސިޓީ ހުރި މިންވަރަކުން މުދާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މިހާރަށްވުރެ ދުރަށް ވިސްނަވައިގެން ރާއްޖޭގެ ރިޒާވް ވަރުގަދަކުރުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ނިންމަވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މިފަދަ ކަންކަމުގައި ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ސަރުކާރުން ދަނީ މުދާ ގެނައުމުގައި ދިމާވެދާނެ ދަތިތަކަށް ދުރާލާ ތައްޔާރުވެ، އިތުރު ރޫޓުތަކާއި ގޮތްތައް ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންނެވެ.

