ދެ އިންތިހާބު އެކުގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ ޑިމޮކްރަސީގެ އެންމެ އަސާސީ ސިފަކަމަށާއި، އެކަން ހުއްޓުވަން މަސައްކަތް ކުރުން ޑިމޮކްރެޓިކް ހަމަތަކާ ހިލާފުކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކްް ވިދާޅުވެއްޖެ އެވެ.
ހުސްނީ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު ގާނޫނުއަސާސީއާއި ހިލާފުކަމަށް ބުނެ އެމްޑީޕީން ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީ އެވެ.
ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސްނީ ވިދާޅުވީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަމީ ވޭތުވެދިޔަ 17 އަހަރުގެ ތަޖުރިބާއިން އެނގެން އޮތް ބަހުސް ކުރެވިފައިވާ މައުޟޫއެއް ކަމަށެވެ. މި ބަދަލުތަކަކީ ގައުމުގެ މުސްތަގުބަލާއި އިގްތިސާދީ ހަމަޖެހުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުސްނީ ވިދާޅުވި ގޮތުގައި، ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ތިން ދައުރެއް ކަނޑައްތުކޮށްފައިވާއިރު، ނިޒާމީ ގޮތުން ހުރި މައްސަލަތަކަށް ބަދަލު ގެނައުމަށް ގާނޫނީ މާހިރުންނާއި ކުރީގެ ބަންޑާރަ ނައިބުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އެހެންކަމުން، ރައީސް ޑރ. މުހަޙައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަކީ ތަރައްގީގެ ވަކި މިސްރާބަކަށް ގައުމު ގެންދިއުމަށްޓަކައި ގެނެވޭ ބަދަލުތަކެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.
އިންތިހާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ހުސްނީ ވިދާޅުވީ، ސަރުކާރުގެ ނިޔަތް ގޯސްނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް ވެސް ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމުގެ ފުރުސަތު މަޖިލީހުގެ ސުޕަރ މެޖޯރިޓީއަށް އޮތް ކަމަށެވެ. ނަމަވެސް، ސަރުކާރުން ބޭނުން ވަނީ ރައްޔިތުންގެ ބަސް ހޯދައިގެން، އިހުލާސްތެރިކަމާއެކު މިކަން ކުރަންކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ސުޕަރ މެޖޯރިޓީގައި ނުބައި ނިޔަތެއްގައި ކުރަން އޮތް ނަމަ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް އެއީ… އެކަމަކު އެ ނިޔަތެއް ނޫން މިއޮތީ… ރަނގަޅު ނިޔަތެއްގައި އެކަން ކުރުމުގެ ގޮތުން އެ މާއްދާ ލޮކްކުރުމަށްފަހު މި އިސްލާހު އަޅުގަނޑުމެން މި ހުށަހެޅީ..
ހުސްނީ ވިދާޅުވީ އިންތިހާބުތައް ގިނަވުމުން އިގްތިސާދީ ގޮތުން ބޮޑެތި އިސްރާފުތަކެއް ހިނގާ ކަމަށެވެ. މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް މިފަދަ ބަދަލެއް ގެންނަން ނުކެރުނު ނަމަވެސް، މި ސަރުކާރުން މިކަމަށް އިސްނެގީ ގައުމުގެ މުސްތަގުބަލަށް ބަލައިކަމަށް ހުސްނީ ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ ޑިމޮކްރަސީގެ އެންމެ އަސާސީ ސިފަކަމަށާއި، އެކަން ހުއްޓުވަން މަސައްކަތް ކުރުމަކީ ޑިމޮކްރެޓިކް ހަމަތަކާ ހިލާފުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

