ރާއްޖޭގެ ތަރައްގީއަށް ހުރި ހުރަސްތައް ނައްތާލައި، ސިޔާސީ ހަލަބޮލިކަން ކުޑަކުރުމަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން މުހިންމުކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު ގާނޫނުއަސާސީއާއި ހިލާފުކަމަށް ބުނެ އެމްޑީޕީން ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީ އެވެ.
ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކުގައި ބޭއްވުމަށްޓަކައި، ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ރައްޔިތުންގެ ރިފެރެންޑަމް ވޯޓު އަންނަ އޭޕްރިލް މަހު ނެގުމަށް ވަނީ ތައްޔާރުވެފަ އެވެ. މި އިސްލާހު ކުއްލި ގޮތަކަށް ގެންނަން ޖެހޭ ސަބަބާއި މެދު ސުވާލު އުފައްދައި، އެމްޑީޕީން ބުނަނީ ސަރުކާރުން މަސައްކަތް ކުރަނީ ވެރިކަމުގެ ދައުރު ދަންމާލަން ކަމަށެވެ. އަދި މިއީ ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވެގެން ދާނެ ނިންމުމެއްކަމަށް، ބުނެ ރައްޔިތުންނަށް ސަރުކާރުން އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް ވަނީ ބުނެފަ އެވެ.
އިންތިހާބާއި ގުޅޭގޮތުން ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވި ގޮތުގައި، މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން ވެސް އިންތިހާބުތައް އެއްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވާފައިވެއެވެ. ނަމަވެސް، އެ މަސައްކަތް އަމަލީ ގޮތުން ކުރިއަށް ގެންދަވަން ކެރިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށްކަމަށް ނާޒިމް ވިދާޅުވިއެވެ.
ދުނިޔޭގެ އެއްވެސް ތަފާސްހިސާބަކުން ނޫނީ އެއްވެސް ރިސާޗަކުން ފެންނާކަށް ނެތް އިންތިހާބު ގިނަވުމަކީ ތަރައްގީއާ ގުޅުމެއް އޮތް ކަމެއްގެ ގޮތުގައި… އޭގެ ބަދަލުގައި ފެންނަން އޮތް ހަގީގަތަކީ، އިންތިހާބުތައް ގިނަވުމުން ސިޔާސީ ހަލަބޮލިކަން އިތުރުވެ، ގައުމު ހިންގުމަށް ލިބޭ ވަގުތަށް ވުރެ ގައުމު ބިނާކުރުމަށް ހުރަސްތައް ކުރިމަތިވާ ވަގުތު ގިނަވާކަން
ނާޒިމް ވިދާޅުވީ، ރާއްޖެއަކީ ވަސީލަތްތައް މަދު ތަރައްގީވަމުން އަންނަ ގައުމަކަށްވާއިރު، ސިޔާސީ ހަލަބޮލިކަން ކުޑަކޮށް، ސިޔާސަތުތައް ތަންފީޒުކުރުމަށް ގިނަ ވަގުތު ހޭދަކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. އަދި ރައީސް މުއިއްޒު މި ފިޔަވަޅު އަޅުއްވަނީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަށް އެކުލަވާލައްވާ 20 އަހަރުގެ މާސްޓަރ ޕްލޭންގެ ދަށުން، ގައުމު ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ކޮންމެހެން މުހިންމު އިސްލާހެއްގެ ގޮތުގައިކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރައީސް މުއިއްޒު ހުންނަވާނީ ރައްޔިތުންނާއި އެކުކަމަށާއި، އެމަނިކުފާނު ކޮންމެ ނިންމެވުމެއް ވެސް ނިންމަވާނީ ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެއްލެވުމަށް ފަހު ކަމަށެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ އިގްތިސާދާއި އިންފްރާސްޓްރަކްޗަރ ކުރިއެރުވުމުގެ އިތުރުން، ގަވަނަންސް މެކޭނިޒަމްގައި ހުރި މައްސަލަތައް ހައްލުކޮށްގެން މެނުވީ އަންނަން އޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ހޯދައިނުދެވޭނެއެވެ. އެހެންކަމުން، މިއީ ގައުމިއްޔަތު ބިނާކުރުމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

