އީރާނުގެ ލީޑަރޝިޕް ބަލަހައްޓާ މައި މަޖިލިސް ކަމަށްވާ “އެސެމްބްލީ އޮފް އެކްސްޕާޓްސް“ގެ ސެކްރެޓޭރިއަޓް އިމާރާތަށް ވަރުގަދަ ހަމަލާއެއް އަމާޒުކޮށްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުގެ، ޤުމްގެ ބަސީޖް މައިދާން ކައިރީގައި ނަގާފައިވާ މި ވީޑިއޯތަކުން ފެންނަނީ އެ އިދާރީ އިމާރާތް ގާތްގަނޑަކަށް އެއްކޮށް ސުންނާފަތިވެފައިވާ މަންޒަރުތަކެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހުރި އެހެން އިމާރާތަކަށްވެސް މި ހަމަލާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ މީޑިއާތަކުން ވަނީ ބުނެފައެވެ.
އީރާނުގެ ޤާނޫނުއަސާސީ ބުނާގޮތުން 88 ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވިގެންވާ މި މަޖިލީހަކީ، މިދިޔަ ހޮނިހިރު ދުވަހު އަވަހާރަކޮށްލި އާޔަތުﷲ އަލީ ޚާމަނާއީގެ ފަހުން، އެޤައުމުގެ ދެން ހުންނަވާނެ އެންމެ މަތީ ލީޑަރު އައްޔަންކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުއައްސަސާއެވެ.
އީރާނުގެ ނިއުސް އެޖެންސީއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާ އަމާޒުވި އިމާރާތަކީ ބާ އިމާރާތެއް ކަމަށާއި، އެތަނަކީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މިހާރު ބޭނުންކުރާ ތަނެއް ނޫން ކަމަށް ވަނީ ބުނެފައެވެ. އަދި ދައުލަތުގެ މީޑިއާ، އައި.އާރު.އައި.ބީ އިން ބުނެފައިވަނީ ހަމަލާ ދިނުމުގެ ކުރިން އެ އިމާރާތްތައް ހުރީ ހުސްކޮށްފައި ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.

