ކައުންސިލް އިންތިހާބުގައި ލިބޭނެ ކާމިޔާބީއެއް ނެތްކަން ގަބޫލު ކުރެވި، އިދިކޮޅު އެމްޑީޕީ މިހާރު މަސައްކަތް ކުރަމުން ދަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭ ވޯޓާއި ގުޅޭގޮތުން ރައްޔިތުންނަށް އޮޅުވާލުމަށްކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރިލް މަހުގެ 04 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި އެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާއި ގުޅޭ ރިފަރެންޑަމް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންތިހާބާއި މެދު އެމްޑީޕީން ސުވާލު އުފައްދައި ބުނެފައި ވަނީ، ސަރުކާރުން މަސައްކަތް ކުރަނީ ވެރިކަމުގެ ދައުރު ދަންމާލަން ކަމަށެވެ.
ޕީއެންސީ އާޓިފިޝަލް ބީޗުގައި ”ދަ ގްރޭޓަރ އައްޑޫ“ ގެ ނަމުގައި ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ ރާއްޖޭގައި ލޯކަލް ކައުންސިލް އިންތިހާބެއް ކާމިޔާބު ކުރަން މަސައްކަތް ނުކުރާ ވަރަށް މިއަދު އެ މަސައްކަތް ޕީއެންސީން ކުރަމުންދާ ކަމަށެވެ.
މީގެކުރިން މި އިންތިހާބަށް އެހާބޮޑު އަޅާލުމެއް ޕާޓީތަކުން ދިން މަންޒަރު ފެނިފައި ނުވާކަން ފަލާހު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ނިޔަތެއް ނެތި ދިޔަ ސަރުކާރުތަކަށް ކައުންސިލެއްގެ ބޭނުމެއް ނޯވެދާނެކަމަށެވެ. އެހެންކަމުން އެ ސަރުކާރުތަކުން ކައުންސިލް އިންތިހާބު، ނެގުމަށް ކުރި މަސައްކަތެއް ނެތްކަމަށް ފަލާހު ވިދާޅުވި އެވެ.
އެތައް އަހަރެއް ވަންދެން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހޮވި ކައުންސިލްތަކާއި އެކު، ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކުރެވުނީ ކިހާ މިންވަރަކަށްތޯ ފަލާހު ސުވާލު އުފެއްދެވި އެވެ.
ފަލާހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މިނިސްޓަރުކަމާއި، މާލޭގެ މޭޔަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތްތައް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި މިއަދު ގައުމު ހިންގެވުމާއި ހަވާލުވެ ހުންނެވި އިރު، މި ނިޒާމު އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށް ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީގެ މަސައްކަތަކަށް ފާޑުކިއުން އަމާޒު ކުރައްވައި ފަލާހު ވިދާޅުވީ، އެ ޕާޓީ މީގެ ކުރިން ގެންގުޅުނު ސިޔާސަތަކީ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އަދި ކައުންސިލް އިންތިހާބު ވެސް އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ރާގު ބަދަލުވީ، އެއީ އެ ޕާޓީއަށް ކާމިޔާބު ނުކުރެވި އޮތް ވިސްނުމަކަށް ވާތީކަމަށް ފަލާހު ވިދާޅުވި އެވެ.
އަޅުގަނޑުމެން ކުޑަކޮށް ވާހަކަ ދައްކާލިން ހާއްސަ މަޖިލީހުގެ ބައެއް ބޭފުޅުންނަށް. އެބޭފުޅުން ވިދާޅުވީ މިހާރުވެސް ހުންނާނެޔޭ މަޖިލީހުގައި މި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ހުށައަޅާފައިވާ ލިޔުންތައް ހުންނާނެޔޭ. މިކަމަކީ އަޅުގަނޑުމެންގެ ސިޔާސީ ހުރިހާ ފަރާތްތައް އިއްތިފާގު ވެފައި އޮތް ކަމެއް. ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް
ފަލާހު ވިދާޅުވީ އެމްޑީޕީން ކައުންސިލް އިންތިހާބު ވެސް ދޫކޮށްލައި، މިހާރު އަމާޒު ހިފާފައި ވަނީ ރިފެރެންޑަމާއި ގުޅޭ ނުބައި މައުލޫމާތައް ފެތުރުމަށް ކަމަށެވެ. ފަލާހު ވިދާޅުވީ ދެ އިންތިހާބު އެކީގައި ބޭއްވުމުން ދައުލަތުން ކުރާ ހޭދަތަކުން ވަރަށް ބޮޑު އިންސައްތައެއް ސަލާމަތްވާ ކަމަށެވެ. އަދި ދެ އިންތިހާބު އެކުގައި ބާއްވައިގެން ވަކި ބަޔަކަށް ވާނެ އެއްވެސް ފައިދާއެއް ނެތްކަން ވެސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ވަރަށް ނާޒުކު އިގްތިސާދެއް އޮތް އިރު ހާލަތާއި މެދު ވިސްނައި، ހަރަދުތައް ކުޑަކުރުމަށް ވިސްނުން ގެންގުޅެން ޖެހޭކަމަށް ފަލާހު ވިދާޅުވި އެވެ. އެއާއި އެކު ގައުމުގެ ހަމަޖެހުމަށްޓަކައި ވެސް ރައްޔިޔުން ރިފެރެންޑަމްގައި ދެ އިންތިހާބު އެކުގައި ބޭއްވުމަށް ތާއީދު ކުރަންޖެހޭކަމަށް ފަލާހު ވިދާޅުވި އެވެ.

