ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ”އަމާން އުދަރެސް“ ފްލެޓްތަކުގެ އެއްވެސް މަސައްކަތެއް ނިމިދިޔަ ސަރުކާރުން ފުރިހަމަކޮށްފައި ނުވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހަމްދާން ވިދާޅުވީ، އެ ފްލެޓްތަކުގެ ފިނިޝިންގެ ހުރިހާ މަސައްކަތެއްވެސް ނިންމާފައިވަނީ މި ސަރުކާރުން ކަމަށެވެ.
އަމާން އުދަރެސް ފްލެޓްތަކުގައި ދިރިއުޅޭ މީހުން އަންނަނީ ކަރަންޓާއި، އިންޓަނެޓް އަދި ކޭބަލް ޓީވީ ފަދަ އަސާސީ ހިދުމަތްތައް ނުލިބޭތީ ޝަކުވާ ކުރަމުންނެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ، ޕްރޮޖެކްޓްގެ އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ ވިއުގައާ ގުޅުވައި ކަރަންޓު ދިނުމަކީ ސްކޯޕްގައި ހިމެނޭ ކަމެއް ކަމަށާއި، ނަމަވެސް ނަރުދަމާ ނިޒާމާއި، އިންޓަނެޓް އަދި މީޑިއާނެޓްގެ ހިދުމަތަކީ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ ކަންކަން ނޫން ކަމަށެވެ.
މީގެ އިތުރުން ހަމްދާން ފާހަގަކުރެއްވި ގޮތުގައި، އިމާރާތުގެ ބޭރުގެ ލޭންޑްސްކޭޕިން، ޕާކިން ޒޯންތައް ހެދުމާއި މަގުތައް އަލިކުރުމަކީވެސް ކުރީގެ އެއްބަސްވުމުގައި ހިމެނިފައިވާ ކަންކަމެއް ނޫނެވެ. އިންޑިއާގެ އެކްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓްގައި ސޮއިކުރުމުގެ ކުރިން، ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ މަސައްކަތްތައް ސްކޯޕުން އުނިކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”ނިމިދިޔަ ސަރުކާރުން އަމާން އުދަރެސް ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް ފުރިހަމަ ކޮށްފައެއްނުވޭ. އިމާރާތައް ބޭނުންވާ އަސާސީ ޚިދުމަތްތައްވެސް ހަމަޖައްސާފައިވަނީ މިސަރުކާރުންކުރި ބުރަ މަސައްކަތުން،“ ހަމްދާން ވިދާޅުވިއެވެ.
މީގެއިތުރުން ހަމްދާން ވިދާޅުވީ މިހާރު ހުރި ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.
ކުރިއަށް ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ، އަންނަ ހަފްތާގެ ތެރޭގައި އަމާން އުދަރެސް ފްލެޓްތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މާރިޗު މަސް ނިމުމުގެ ކުރިން ލޭންޑްސްކޭޕިންގެ މަސައްކަތްތައްވެސް އަމަލީގޮތުން ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

