ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތައް ދިމާވެގެން ނުފުރިފައި ތިބި 164 ޢުމްރާވެރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ރޭ ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ. މި ޢުމްރާވެރިން ފުރާފައިވަނީ މޯލްޑިވިއަންގެ ޚާއްޞަ ޗާރޓާރޑް ފްލައިޓެއްގައެވެ.
ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، ރޭ ފުރި މީހުންގެ ތެރޭގައި އަމިއްލަ ގްރޫޕަކުން ޢުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު އިންތިޒާމުތައް ހަމަޖައްސާފައި ނުވާ 30 މީހަކުވެސް ހިމެނެއެވެ. މި އެންމެންނަކީވެސް އެކި ސަބަބުތަކާ ހުރެ ޢުމްރާގެ ދަތުރު ހަމަނުޖެހި ތިބި ފަރާތްތަކެވެ.
އަލްއަބްރާރު ގްރޫޕުން ކެންސަލްކުރި ޢުމްރާވެރިން
މި ރަމަޟާން މަހު ޢުމްރާއަށް ދިއުމަށް އަލްއަބްރާރު ޙައްޖު އެންޑް ޢުމްރާ ގްރޫޕަށް ފައިސާ ދައްކާފައިވާ 150 މީހުންގެ ތެރެއިން ބައެއްގެ ދަތުރުތައް އެ ގްރޫޕުން ވަނީ ޤަވާއިދާ ޚިލާފަށް ކެންސަލްކޮށްފައެވެ. އެ ގްރޫޕުން ދަތުރުތައް ކެންސަލްކުރީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅުވައިގެން ކަމަށް ބުނި ނަމަވެސް، އިސްލާމިކް މިނިސްޓްރީން ވަނީ އެއީ މަޖުބޫރު ސަބަބެއް ނެތި ޤަވާއިދާ ޚިލާފަށް ކުރި ކަމެއް ކަމަށް ކަނޑައަޅާފައެވެ.
މި މައްސަލައާ ގުޅިގެން، ނުފުރި ތިބި ހުރިހާ ޢުމްރާވެރިން ފުރުވުމުގެ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިރުޝާދު ދެއްވާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ސަރުކާރުގެ އެހީތެރިކަމާއެކު މި ފަރާތްތަކަށް ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާ ކަމަށެވެ.

