ކ. ހުރާގައި ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
މި ބަދަލާއެކު، ކުރިން އެ ރަށުގައި މި ޚިދުމަތްތައް ދެމުންދިޔަ ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކުރެވިފައެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، މި ގެނެވުނު ބަދަލާއެކު ހުރާގެ ރައްޔިތުންނަށް ދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް އެ ކުންފުނީގެ މިންގަނޑުތަކާ އެއްހަމަކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެއެވެ. އަދި އެ ރަށުގެ ވަސީލަތްތައް އިތުރަށް ތަރައްޤީ ކުރުމަކީ ވެސް ކުންފުނީގެ އަމާޒެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު ވިދާޅުވީ،
”އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ އެރަށުގެ ރައްޔިތުންނަށްވެސް ސްޓެލްކޯއިން މި ޚިދުމަތްތަކާ ހަވާލުވުމަށްފަހު އިރާދަކުރެއްވިއްޔާ ސްޓެލްކޯގެ ފެންވަރަށް، އަޅުގަނޑުމެން އެހެން ރަށްރަށުގަވެސް މި ދޭ މިންގަނޑުތަކަށް، ހުރާގެ ޔޫޓިލިޓީ ޚިދުމަތްތައް ގެންދިއުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން،“ ކަމަށެވެ.
އަދި އެ ރަށުގެ ޚިދުމަތްތަކާ ގުޅޭ ތަރައްޤީގެ މަސައްކަތްތައް މިހާރުވެސް ޕްލޭން ކުރެވެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހުރާގެ ޚިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވުމާއެކު، ކ. އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓުގެ ޚިދުމަތް ދެމުންދަނީ އެ ކުންފުނިންނެވެ. ސްޓެލްކޯއިން މިހާރު ޖުމްލަ 36 ރަށެއްގައި ކަރަންޓުގެ ޚިދުމަތް، 25 ރަށެއްގައި ފެނުގެ ޚިދުމަތް އަދި 24 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ދެމުންގެންދެއެވެ.
މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވީ، މިއީ ހުރާގެ ރައްޔިތުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި އުންމީދެއް ކަމަށެވެ. ކ. އަތޮޅުގެ އެހެން ހުރިހާ ރަށެއްގައި ސްޓެލްކޯއިން ޚިދުމަތް ދެމުންދާއިރު، ހުރާ އެކަނި ފެނަކައިގެ ދަށުގައި އޮތުމަށްފަހު މި ބަދަލު އައުމަކީ ރަށަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބަދަލުގެ ސަބަބުން މުވައްޒަފުންނަށް ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި، މިއީ މުވައްޒަފުންގެ ވެސް ވަރަށް ބޮޑު އެދުމެއް ކަމުގައި ޑރ. އަނާރާ ފާހަގަކުރެއްވިއެވެ.

