ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނީގެ މައްސަލަތަކަށް ހައްލު ހޯދަން ކޮމަންވެލްތުގެ މެދުގައި އެއްބާރުލުން ދޭން ޖެހޭ: ރައީސް

އަރަބި-އިސްލާމިކް ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ލުއި މާލީ އެހީ ނުވަތަ ކޮންސެޝަނަލް ފައިނޭންސިންގ ހޯދުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ސުލްހަމަސަލަސްކަން ދެމެހެއްޓުމާއި، ހެޔޮވެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބާރު ދައްކުވައިދޭ ދިރިހުރި މިސާލެއްގެ ގޮތުގައި ކޮމަންވެލްތު އަބަދުވެސް ދެމިއޮންނަ ކަމަށެވެ.

މިއަހަރުގެ ޝިއާރު ކަމުގައިވާ ”ފާގަތި ކޮމަންވެލްތަކަށްޓަކައި، އެންމެން ގުޅިގެން ފުރުސަތުތަކުގެ ބޭނުންހިފުން“ މި ޝިއާރަށް އިޝާރާތްކުރައްވަމުން، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިއަހަރުގެ ޝިއާރު ބިނާވެފައިވަނީ ރާއްޖެއިން ގައުމީ ފެންވަރުގައި އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް ކަމަށެވެ. އޭގެ ތެރޭގައި މޫސުމީ ބަދަލުތަކަށް އަހުލުވެރިވެ ވިލުންތެރި ގާބިލުކަން އިތުރުކުރުމާއި، ތައުލީމީ ދާއިރާގައި ދަރިވަރުންނާއި މުދައްރިސުންގެ ހަރަކާތްތެރިކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޑިޖިޓަލްކުރުމުގެ އިތުރުން، މިކަންކަމުގެ ފައިދާ ހުރިހާ މުޖުތަމައުތަކަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން ހިމެނެއެވެ.

ރާއްޖެއަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމަކަށް ވީތީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި، ބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑުކަންވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ކޮމަންވެލްތަށް 77 އަހަރު ފުރުމުގެ މުނާސަބަތަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޖަމުއިއްޔާގެ ތެރެއިން އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރައްވާފައެވެ.

މިއަހަރު ބާއްވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަކީ، ގައުމުތަކުގެ މެދުގައި އޮތް ގުޅުންތަކާއި، ވެފައިވާ އެއްބަސްވުންތައް ތާޒާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އަދި ކޮމަންވެލްތުގެ އާއިލާއަށް ފައިދާހުރި، ހަރުދަނާ ނަތީޖާތަކެއް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ދިވެހިރާއްޖެއިން އަމަލީގޮތުން ބައިވެރިވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: