ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

” މަގޭ ޕާޓީން ހިކަންޖެއް ކުރިމަތިލިޔަސް މަ ހޮވާނީ އޭނާ”

ސިޔާސީ ޕާޓީތަކުގެ ލީޑަރުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޝައްކެއްވެސް ނެތެވެ. މިނިވަން ކަން ހަމަ ކޮންމެ އިންސާނަކުވެސް ބޭނުންވާނެއެވެ. އެއީ އިންސާނާގެ އަސާސީ ޙައްޤެކެވެ. ވުމާއެކު ވެރިކަމެއް ކުރުމަށް އެންމެ ރަނގަޅު ނިޒާމަކަށްވެސް ވާނީ އެ މިނިވަންކަން އެންމެ ފުރިހަމަޔަށް ހޯދައިދޭ ނިޒާމެކެވެ.

ޑިމޮކްރަސީ އަކީ މި މަޤުޞަދުގައި ޔޫނާނުން ތަޢާރަފުކުރި ވެރިކަމުގެ ނިޒާމެކެވެ. މި ނިޒާމު ބަދަލުވަމުން ތަރައްޤީވަމުން އައިސް މިއަދު މިވަނީ ” ފައްކާ ” ވެފައެވެ.

އެހެން ނަމަވެސް މިފައްކާ ނިޒާމު ގަތުމަށް އަޅުގަޑުމެން ދިން އަގަކީ މިޔާ އެންމެ އެކަށީގެންވާ އަގު ބާވައެވެ؟  އަނެކުންނަށް ކުރާ އިޙުތިރާމެވެ. ލަދުވެތިކަމެވެ. ތިމާއާއި އެއްވަރަށް އަނެކާއަށް ލިބެންޖެހޭ ޙައްޤެވެ. އަނެކާގެ ޢިއްޒަތާ ކަރާމާތެވެ. ކުރުކޮށް ދަންނަވާނަމަ ” ރިވެތި އަޚުލާޤު ކަމުގައި ހިމެނޭ ހުރިހާކަމެއް ” އަޅުގަނޑުމެން މިތިބީ އޭގެ އަގަކަށް ދީގެންނެވެ. ބަދަލުގައި ލިބުނީކޯއްޗެއްތޯ ވިސްނާލީ ކިތައް މީހުންބާވައެވެ.

މިއަދު ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ މި ޑިމޮކްރަސީ ހޯދައިދިން މިނިވަންކަމާއެކު ޙަރަކާތް ތެރިވާ ދޫތަކެވެ. އަނެކާ ބަދުނާމުކޮށް އަގުވައްޓާ ލުމާއި، ދޮގު ވާހަކަ ދެއްކުމާއި، މުޖުތަމަޢުގައި ބައިބައިވުން އުފެއްދުމާއި ތިމާގެ މޮޅުވާހަކަ ދެއްކުމުގައި އަވަދިނެތި ޙަރަކާތްތެރިވާ ދޫތަކެވެ. ތެދާއި ދޮގު، އަސްލާއި ވަހުމް އޮޅުވާލުމާއިގެން މަޝްޣޫލް ވެފައިވާ ގަލަންތަކެވެ. މާދަމާގެ ދަރިން މިއަދުގެ ތާރީޚު ދިރާސާކުރާއިރު، ހޭޅިއެއް ހާއަޅާތަންކޮޅެއް ނެތް އޮޅުންބޮޅުންބޮޑު ޖަންގައްޔެއްގެ  ތެރެއަށް ވަންނާނެވަރު ތަސައްވަރުކުރެވޭ ސިކުނޑިއެއް މިޤައުމުގައި ވޭބާވައެވެ؟

އެއްކަމެއްގެ ވާހަކަ އެތައް ގޮތަކަށް ލިޔެ ޙަޤީޤަތް އޮޅުވާލާއިރު، އެއީވެސް ޑިމޮކްރަސީ ގެނެސްދިން މިނިވަންކަމާއެކު ހެލިފެލިވާ ގަލަންތަކެކޯލައެވެ. މިކަންކަމާމެދު ވިސްނާލުމުން ފެންނަނީ ޤައުމުގެ ތާރީޚަށްވެސް މި “ޑިމޮކްރަސީ”، ޚިޔާނާތްތެރިވަމުންދާތަނެވެ.

ޒަމާނީ ޑިމޮކްރަސީ މިޤައުމަށް ފުންމާލީ ދާދި މިދާކަށް ދުވަހުއެވެ. އަދި މިއުޅެނީ ” ފައިން ލޮނުވެސް ނުހިކި” އެވެ. އެކަމަކު ތިންލައްކައެއްހާ މީހުންއުޅޭ މިޤައުމުގައި މިހާރު 15 ސިޔާސީ ޕާޓީ އެބައޮތެވެ. ކޮންމެ ޕާޓީއަކުންވެސް މަސައްކަތްކުރަނީ ތިމާމެން މަތިފަޑިޔަށް އަރައި ދެންތިބިމީހުން ގަންބާލައި ” ކަރުބުޑުގައި ހިތިރަހަ ލައްވާލެވޭތޯ” އެވެ.

މިއާ ގުޅިގެން މިހާރު ފެތުރިގެން ގޮސްފައިވާ އަނެއް ކަމަކީ ސިޔާސީ ޕާޓީ ތަކުން އެ ޕާޓީތަކުގެ މަޤްޞަދު ޙާޞިލްކުރުމަށް ގޭންގުތަކުގެ ބޭނުން ހިފާ ކަމުގެ ޚަބަރެވެ. މިއީ ރާއްޖޭގައި ކުރެވުނު ދިރާސާއެއްގައި ބުނެފައިވާ ވާހަކައެކެވެ. މިދިރާސާގެ ނަތީޖާ މިދެއްކީ އިންތިހާއަށް ބިރުވެރި ގޮތަކަށެވެ. ކުށްކުރުން ހުއްޓުވުމަށް އެންމެ އިސްރޯލެއް އަދާކުރަންތިބި މީހުން، ފައިސާ ދީގެން ކުށް ކުރުވާ ކަމުގައެވެ. ހިތާމައިގެ ކޮޅެއްވެސް ނެތް ނޫންތޯއެވެ. “ޑިމޮކްރަސީގެ ހުތުރުކަމުގެ ” ހައްދެއްވެސް ނެތީއެވެ.

ޝައްކެއްވެސް ނެތެވެ. ޑިމޮކްރަސީ އަކީ ވެރިކަން ކުރުމަށް އޮތް އެންމެ ފުރިހަމަ ނިޒާމު ކަމުގައި ވަކާލާތުކުރާނޭ މީހުން ވަރަށްވެސް ގިނަވާނެއެވެ. ” ދުނިޔެ ވަރުގެ” ބޮޑެތި ޖަމުޢިއްޔާ ޖަމާޢަތްތަކެވެ.

ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކެވެ. ފިލޯސަފަރުންނާއި ސިޔާސީ މުފައްކިރުންނެވެ. އެހެންކަމުން މި ނިޒާމަކީ ގޯސް ނިޒާމެކޭ ދަންނަވާކަށް ނެތީމެވެ. އެހެންނަމަވެސް މިނިޒާމުގެ ސަބަބުން ދިވެހިންނަށް ލިބުނު ފައިދާއާއި ގެއްލުން އަޅާބަލައިފިނަމަ ބުރަވާނީ ގެއްލުމުގެ ކޮޅަށް ކަމުގައި އަޅުގަނޑު ދެކެމެވެ. އެއީ ޑިމޮކްރަސީގެ ބޭނުން ނަހަމަގޮތުގައި ހިފާތީއެވެ. އަނެކުންނަށް ކަމޭހިތުމާއި އޯގާތެރިވުން ކަފުންކުރީތީ އެވެ. ބަހުންނާއި ޢަމަލުން އަނެކުންގެ ޙައްޤުތަކަށް އަރައިގަންނާތީ އެވެ. މާދިއްޔަތަށް ” އަޅުކަން ކުރަން ” މަޖުބޫރު ކުރުވާތީއެވެ. ދޮގު ޚަބަރު ފެތުރުމާއި ދޮގު ވާހަކަ ދެއްކުމުގައި އިންތިހާ ދަރަޖައިގެ ” ތަރައްޤީ ” ހޯދާފައި ވާތީއެވެ. ބޮޑެތި ކުށްކުރުމަށް ހިތްވަރުދީ އެހީތެރިވާތީއެވެ.

އަޅުގަނޑުގެ ރަށުގައި އުޅުނު ބުއްދިވެރިއަކު ބުނެއެވެ. ދިވެހިންނަށް މީހެއްގެ ނަން އިވޭއިރަށް އޮންނާނީ ގެނެސް އެތެރެގެޔަށް ވައްދައި މައި އެނދުގައި ނިންދަވާފައެވެ. އެއީ ކާކުކަން އެނގޭނީވެސް އަދި އޭގެފަހުންނެވެ. އެހައިރުންދެން އެވީ ހެދުނު ގޯހާމެދު ހިތާމަކުރާށެވެ. ނުވަތަ އޭނާ ދަސްކުރުމުގެ މަސައްކަތް ފަށާށެވެ. އޭރު އޮންނާނީ މާބޮޑަށްވެސް ލަސްވެފައެވެ. ދިވެހިންގެ އުޞޫލަކީ ހެދޭގޯހާމެދު ހިތާމަކުރުމެވެ. ގޯހެއް ހެދިދާނެކަމަށް ވިސްނައި ދުރާލާ ފިޔަޅު އެޅުމަކީ ދިވެހިންނަށް “މަނާ ” ކަމެކެވެ.

ތެދެކެވެ. ޑިމޮކްރަސީ އަކީ ކޮންއެއްޗެއްކަން އެނގޭ މީހުންނަށްވުރެ ނޭނގޭ މީހުން މިޤައުމުގައި އަދިވެސް މާގިނަވާނެއެވެ. އެހެން ނޫންނަމަ އެންމެ ފުރަތަމަ “ޕާޓީ” އެކޭ ނުބުނީހެވެ. ” މަގޭ ޕާޓީން ހިކަންޖެއް ކުރިމަތިލިޔަސް މަ ހޮވާނީ އޭނާ”އެކޭ ނުބުނީހެވެ. އެނގޭނީ ސާވޭއެއް ކޮށްލީމައި ތާއެވެ. ސާވޭ ނުރިޔަސް ކަށަވަރުވާ އެއްކަމެއް ވެއެވެ. ޑިމޮކްރަސީގެ ސަބަބުން ދިވެހިންނަށް ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: