ސަރުކާރާ އިދިކޮޅު ކައުންސިލެއް އޮތުމުން ރަށުގެ ތަރައްގީއަށް ކުރާނެ ނޭދެވޭ އަސަރުތައް ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް ތަޖުރިބާކުރެވިފައިވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ވިދާޅުވެއްޖެއެވެ.
”ދިވެހީންގެރާއްޖެ“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަސީރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ކައުންސިލްތައް އޮންނަ ރަށްތަކަށް ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ވަރަށް ފުރިހަމައެވެ. ނަމަވެސް އިދިކޮޅު ކައުންސިލްތައް އޮންނަ ރަށްތަކަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތަށް ދިމާވަނީ ނަސީރު ވިދާޅުވި ގޮތުގައި ވެރިކަން ހިންގުމުގައާއި ސިޔާސީ މަސައްކަތްތަކުގައި ލޯކަލް ކައުންސިލްތަކަކީ އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކަށް ވާތީ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށް އިޝާރާތް ކުރައްވައި ނަސީރު ވިދާޅުވީ، އެ ދުވަސްވަރު ގިނަ ކައުންސިލްތަކެއް ސަސްޕެންޑު ކުރަން ޖެހުނު މަންޒަރު ފެނިގެންދިޔަ ކަމަށެވެ. އަދި ސަރުކާރުން ރަށްރަށަށް ހިދުމަތް ދިނުމަށް ކުރި މަސައްކަތްތަކަށް އޭރުގެ އެމްޑީޕީގެ ކައުންސިލްތަކުން ހުރަސްއެޅި އިރ، އޭގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ މައްސަލަތަކެއް ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ ތިން ދައުރުގައިވެސް ރައްޔިތުންނަށް މިފަދަ އެތައ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކުރައްވައި ނަސީރު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށް ގެންދެވޭނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ކައުންސިލެއް އޮވެގެން ކަމަށެވެ.
މީގެ އިތުރުން، ލޯކަލް ކައުންސިލްތަކުގެ އަސާސީ ޒިންމާއަކީ ސަރުކާރުގެ ނިންމުންތައް ރައްޔިތުންނާ ގާތުން ތަންފީޒުކުރުންކަމަށް ނަސީރު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް ސަރުކާރާ ހަމައަށް އޮމާންކަމާއެކު ގެންގޮސްދީ، ވީހާ ވެސް އަވަހަކަށް އެކަންކަމަށް ހައްލު ހޯދައިދިނުމަކީ ކައުންސިލްތަކުން ކުރަންޖެހޭނެ މަސައްކަތެއްކަމަށް ވަނީ ވިދާޅުވެފަ އެވެ.

