މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި ހިނގާ މާރިޗު މަހުގެ 18 ވާ ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
ޑީޖޭއޭ އިން ބުނީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ހަނދު ބެލުމުގެ ކަންކަން ކުރިއަށްދާނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން ޝައްވާލް މަހުގެ ހަނދު ފެނިގެން ހެކިބަސް ދިނުމުގެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖައްސާފައެވެ.
ހަނދު ފެނިގެން ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތް ހާމަކޮށް ޑީޖޭއޭއިން ބުނީ، މާލޭގައި ނަމަ ހެކިބަސް ދޭންވާނީ މާލޭގެ ކޯޓެއްގެ ގާޟީއެއްގެ ކުރިމަތީކަމަށެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައެވެ. އަދި މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއް ނަމަ، އެ ވަގުތަކު އެ ކޯޓަކާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ރަމަޟާން މަހުގެ 29 ވާ ބުދަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭގެ އިތުރުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މީގެއިތުރުން، ހަނދު ފެނިގެން ހެކިބަސް ދޭން ދަތުރެއް ކުރަންޖެހިއްޖެ ނަމަ، އެ މީހެއްގެ ދަތުރުގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށްވެސް ޑީޖޭއޭއިން ވަނީ ބުނެފައެވެ.
ހަނދު ފެނުނުކަމުގެ މައުލޫމާތު ދޭއިރު، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު މައުލޫމާތުތައް ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ ހާއްސަ ޖަލްސާވެސް އެރޭ އޮންނާނެއެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 20 ވާ ހުކުރު ދުވަހެވެ.

