މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ވައިގެ މަގުން އަންނަ ފްލައިޓުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އެކި ސަރަހައްދުތަކުން ފްލައިޓުތައް އިތުރުކުރުމަށް ކުރެވުނު މަޝްވަރާތައް ކާމިޔާބުވެ، އޮޕަރޭޝަންތައް ފެށިފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މި ސީޒަނުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ދުވާލަކު 60 ފްލައިޓު އަންނާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ހަނގުރާމައިގެ ސަބަބުން މިދިޔަ ފެބްރުއަރީ 28 އިން މާޗު 3 ގެ ނިޔަލަށް ދުވާލަކު 19 ފްލައިޓު ކެންސަލްވި ކަމަށެވެ. މީގެ ސަބަބުން ދުވާލަކު 2000 އާއި 3000 އާ ދެމެދުގެ އަދަދަކަށް ފަސިންޖަރުން މަދުވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ފަސިންޖަރުން މަދުވުމަކީ ރާއްޖޭގެ އިގްތިސާދަށް ބަލާއިރު ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މެދުއިރުމަތިން އަންނަ ފްލައިޓުތަކަކީ ކާގޯ އުފުލުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ފްލައިޓުތަކަކަށް ވާތީ، އެކަމަށް އެހެން ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. މި މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވުނު މަސައްކަތުން މިހާރު ޔޫރަޕުގެ 8 ގައުމަކަށް 23 ފްލައިޓު އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާތަނަށް 2000 އެއްހާ ސީޓު ރާއްޖެއަށް އިތުރަށް އެތެރެ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެއާ އިންޑިއާ އިން މިހާރު ”ޑަބަލް ޑެއިލީ“ ނުވަތަ ދުވާލަކު ދެ ދަތުރު ކުރަން ފަށާފައިވާ އިރު، އިއްތިހާދު އެއާވޭސް އިންވެސް ވަރަށް އަވަހަށް ދުވާލަކު ދެ ދަތުރު ކުރަން ފަށާނެ ކަމަށް އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އެއާ އޭޝިއާ އިން މިހާރު ބޭނުންކުރާ ނެރޯ ބޮޑީ އެއާކްރާފްޓްތަކުގެ ބަދަލުގައި ވައިޑް ބޮޑީ އެއާކްރާފްޓްތައް ރާއްޖެއަށް އޮޕަރޭޓް ކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ނިންމާލައްވަމުން ވިދާޅުވީ، ބޭރުގެ ހާލަތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް ލިބުނު ގެއްލުންތައް ކުޑަކުރުމަށް ކުރު މުއްދަތެއްގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވި ކާމިޔާބީތަކެއް ލިބެމުންދާ ކަމަށެވެ.

