ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީތި ޕާކުތަކެއް ތަރައްްޤީކޮށްފައި ނުބެލެހެއްޓޭނަމަ އޭގެ ބޭނުމެއް ނެތް!

ހުޅުމާލެ ޕާކު - ފޮޓޯ: ޒިދާން މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ތޮއްޖެހިފައިވާ މި ފުރަ މާލޭގައި ވެސް، ހިތް ފަސޭހަ މައިޒާންތައް ނުވަތަ ޕާކުތައް މަދެއް ނޫނެވެ. ހަވީރު ފިންޏަށް ނުކުމެ އާއިލާ ނުވަތަ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލުމަށް އެ ތަންތަނަށް ދާ މީހުން ވެސް މަދެއް ނޫނެވެ. މިފަދަ ހިތްފަސޭހަ މައިޒާންތައް ތަރައްޤީ ކުރުމަށް ދަޢުލަތުން ބޮޑެތި ހޭދަތައް ކޮށްފައި އެބަހުއްޓެވެ. ވީއިރު ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ތަންތަން ބެލެހެއްޓިގެން ނޫނީ ދާއިމީ ގޮތއްގައި މިތަންތަނުގެ ފޮނިމީރުކަން ނުލިބޭނެކަން ގައިމެވެ.

މާލޭގެ ގިނަ މައިޒާންތަކަށް ނުވަތަ ޕާކުތަކަށް ނަޒަރު ހިންގާލުމުން ފެންނަނީ އެހެން މަންޒަރެކެވެ. ހަމައެކަނި ކުނި ކަހާލުން ފިޔަވައި ތަން މެންޓެއިންކޮށް ނުވަތަ މަރާމާތާއެކު ބެލެހެއްޓުމަށް މާގިނަ މަސައްކަތްތަކެއް ނުކުރެއެވެ. ބައެއް ޕާކުތައް އެއްވެސް ވަރަކަށް ނުބެލެހެއްޓޭ ކަމަށް އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ހާލަތަށް އެތަންތަނުގެ ހާލަތު ގޮސްފައި އެބަހުއްޓެވެ. އޭގެ އެއް ހެއްކަކީ މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލޭގެ ޗައިނާ ޓައުންގައި ތަރައްޤީކޮށްފައިވާ ޕާކެވެ.

ހުޅުމާލޭ ޗައިނާ ޓައުން ނުވަތަ ނެއިބާރހޫޑް 1 ގައި ގާއިމްކޮށްފައިވާ “ފެހެރިސް ޕާކް” އަކީ 2017 ވަނަ އަހަރުގެ ފަހުކޮޅު، އާދެ ޑިސެމްބަރު މަހުގެ ތެރޭގައި ކުރީގެ ރައީސް އަބްދު ﷲ ޔާމިން އަބްދުލް ޤައްޔޫމް ހުޅުއްވައިދެއްވެވި ޕާކެކެވެ. ހުޅުމާލޭ ސެންޓްރަލް ޕާކަށްފަހު ހުޅުމާލެގައި ދެން އެންމެ ފުރިހަމައަށް ތަރައްޤި ކުރެވުނު ޕާކަކީ އެއީއެވެ. ހުޅުވިގެން ދިޔައިރު، ވަރަށް ވެސް ހިތްގައިމު އަދި ނަލަ ތަނެއްކަން ފާހަގަކުރެވުނެވެ.

އެކަމަކު، ހިތާމައަކީ މިއަދު އެތަން ފެންނަނީ މުޅިން އެހެން ގޮތަކަށް ކަމެވެ. މުޅި ޕާކު ތެރޭގައި އޮތީ ކުނި ބުންޏެވެ. ރީތިކޮށް އޭރު ހެދިފައި އޮތް ފެންގަނޑުގެ ބަދަލުގައި މިހާރު އޮތީ ހިލައެވެ. ޕާކު ޑަސްޓްބިންތައް ފުރިގެން ބަނޑުންވެފައިވާއިރު ހީވަނީ މީން ދުވަހަކު އެތަނުން ކުނި ބޭރުކޮށްފައި ނުވާހެންނެވެ. ނުވަތަ ޑަސްޓްބިންތައް ހުސްކޮށްފައި ނުވާހެންނެވެ. އަދި މިނިމުނީކީ ނޫންނެވެ.

ދެން ފެންނަން ހުރީ އަދި މާ ހިތާމަވެރި މަންޒަރެކެވެ. ޕާކުގައި ހުރި ބައެއް ބެންޗުތަކުން ލަކުޑިތައް ނައްޓާފައި ހުރިއިރު، ކުޑަކުއްޖަކަށް އަނިޔައެއް ލިބުން ގާތެވެ. ކުޑަކުދިން ކުޅެ ސަކަރާތްޖަހަން ހާއްސަ އެތަނުގެ ބެންޗުތަކުގައި ވެސް އެކުދިން އިށީނދެ އުޅޭނެ ނޫން ހެއްޔެވެ؟ ލަކުޑިތަކުގައި މޮހޮރު ހުރިއިރު، މޮހޮރެއް ހެރި އެއިން ކުއްޖަކަށް ހާނިކައެއް ވެއްޖެ ނަމަ ޒިިންމާ ނަގަނީ ކާކު ހެއްޔެވެ؟ މުޅި ޕާކަސް ބަލާލަމުން ވެސް ފެންނަނީ ހަލާކުވެ ވީރާނާ ވަމުންދާ މަންޒަރެވެ. މުޅިތަން ގޮނޑުވާ މަންޒަރެވެ.

ތިޔައީ އެންމެ ޕާކެއްގެ ވާހަކަ ނޫން ހެއްޔޭ ސުވާލުކުރެވިދާނެއެވެ. އެކަމަކު މާލެ، ވިލިމާލެ އަދި ހުލުމާލޭގެ ގިނަ ޕާކުތަކަށް ގޮސް ބަލާލުމުން ޖަވާބު ވަރަށް ސާފުވާނެއެވެ. މިއީ ގިނަ ތަންތަނުގެ ހާލަތެވެ. ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ތަންތަން ބެލެހެއްޓޭން ޖެހެއެވެ. ނޫނީ މިފަދަ ތަނެއް ތަރައްްޤީކޮށް ބޭކާރު ފައިސާތަކެއް ޚަރަދުކުރުމުގެ ބޭނުމެއް ނެތެވެ. ބޭނުމީ ދާއިމީ ގޮތެއްގައި މިތަންތަނުން ހިތްފަސޭހަކަން ލިބިގެން ދިއުމެވެ. ވަގުތީ އުފަލެއް ބޭނުންވާނީ ފަހެ ކާކުހެއްޔެވެ؟

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: