ހޮރްމުޒް ކަނޑުއޮޅި ނުހުޅުވާފައިނަމަ ހަނގުރާމަ މަނަވަރުތައް ފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މިއީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ 16 ވަނަ ދުވަހައްވާއިރު ދުނިޔޭގެ ތެލާއި ލިކުއިފައިޑް ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ފެންމަގު ވަނީ ބަނދުކޮށް އުޅަނދު ފަހަރު ދަތުރުކުރުން މަނާކޮއްފައިއެވެ.
ހޮނިހިރު ދުވަހު ޓްރޫތް ސޯޝަލްގައި ލިޔުއްވަމުން ޓްރަމްޕް ވިދާޅުވީ ”ޚާއްޞަކޮށް އީރާނުން ކަނޑުއޮޅި ބަންދުކުރަން ކުރި މަސައްކަތުން އަސަރު ކުރި ގައުމުތަކުން“ ހަނގުރާމަ މަނަވަރުތައް ފޮނުވާނީ ”އެމެރިކާއާ ގުޅިގެން، ސްޓްރެއިޓް ކަނޑުއޮޅި ހުޅުވާ ރައްކާތެރިކޮށް ބެހެއްޓުމަށް“ ކަމަށެވެ.
އެ ޕޯސްޓުގައި ޓްރަމްޕް ވަނީ އެމެރިކާއިން ”މިހާރުވެސް އީރާނުގެ އަސްކަރީ ގާބިލްކަމުގެ %100 ނައްތާލާފައިވާ“ ކަމަށް ވިދާޅުވެ، ހަމަ ނޭވާއެއްގައި އެކަމަށް އެއްބަސްވެވަޑައިގެންފައެވެ.
އޭނާ ވައުދުވީ އެމެރިކާއިން ”އެ ފަޅަށް އިންތިހާއަށް ބޮންއަޅާނެ ކަމަށާއި، އީރާނުގެ ފެނުނު ހުރިހާ ދޯނިފަހަރާއި ބޯޓުތަކަށް ބަޑިޖަހާނެ“ ކަމަށެވެ.
ޖަވާބުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ނޭވީ ޗީފް އަލިރޭޒާ ޓަންގްސީރީ ވިދާޅުވީ“ސްޓްރޭޓް އޮފް ހޮރްމޫޒް އަދި އަސްކަރީ ގޮތުން ބަންދުކޮށްފައި ނުވާ ކަމަށާއި ހަމައެކަނި އެ ގައުމުގެ ކޮންޓްރޯލްގެ ދަށުގައި އޮތީ“ ކަމަށެވެ.
”ހޯރމުޒް ސްޓްރެއިޓް މެދުވެރިކޮށް ތެޔޮ ލިބޭ ދުނިޔޭގެ ގައުމުތަކުން އެ ކަނޑުއޮޅި ބެލެހެއްޓުމަށް ޖެހޭނެ، އަދި އަޅުގަނޑުމެން އެހީތެރިވެދޭނަން“ ޑޮނަލްޑް ޓްރަމްޕް
އޭނާ ވިދާޅުވީ އެމެރިކާއިން ”އެ ގައުމުތަކާ ކޯޑިނޭޓް ކުރާނީ ހުރިހާ ކަމެއް އަވަހަށް، އޮމާންކަމާއެކު، އަދި ރަނގަޅަށް ކުރިއަށް ގެންދިއުމަށް“ ކަމަށާއި އެއީ ”ޓީމް އެފެއާޓެއް“ ކަމަށް ވިދާޅުވެފައެވެ.

