އީރާނުގެ ޚާރްޖް އައިލެންޑަށް އެމެރިކާއިން އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ހޮނިހިރު ދުވަހު އެން.ބީ.ސީ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރާ މައި މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތަން މިހާރު ވަނީ މުޅިން ސުންނާފަތިވެފައި ކަމަށެވެ.
ޚާރްޖް އައިލެންޑަށް އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ”މަޖަލަކަށް ނަމަވެސް އަދި ބައެއް ހަމަލާތައް އެތަނަށް ދީފާނަން،“ ކަމަށެވެ.
މީގެއިތުރުން، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ނުހަނު މުހިންމު ސަރަހައްދެއް ކަމަށްވާ ހޯމޫޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، އެމެރިކާގެ ބައިވެރި ގައުމުތަކުން އެ ސަރަހައްދަށް ހަނގުރާމަމަތީ މަނަވަރުތައް ފޮނުވުމަށް ވެސް ޓްރަމްޕް ވަނީ ބާރުއަޅުއްވާފައެވެ.
ޓްރަމްޕްގެ މި ވާހަކަފުޅުތަކަކީ ސަރަހައްދީ ހަމަނުޖެހުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ނިޝާނެކެވެ. މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާއިން އަމާޒު ކުރާނީ ހަމައެކަނި ޚާރްޖް އައިލެންޑުގައި ހުރި އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ. ނަމަވެސް، އީރާނުން ބޭރަށް ފޮނުވާ ސާފުނުކުރާ ތެލުގެ ބޮޑުބައި އެކްސްޕޯޓް ކުރާ މައި މަރުކަޒު ހުންނަނީ މި ރަށުގައެވެ.
ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. އަރަގްޗީ ވިދާޅުވީ، އީރާނުގެ ހަކަތައާ ބެހޭ އެއްވެސް މަރުކަޒަކަށް ހަމަލާއެއް ދީފިނަމަ، އޭގެ ރައްދު ކުރިއަށްވުރެ ވަރުގަދައަށް ދޭނެ ކަމަށެވެ. ”އެމް.އެސް ނައު“ ނިއުސް ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވަނީ އެމެރިކާގެ އަމަލުތަކަކީ ނުރައްކާތެރި އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަރަގްޗީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއިން ޚާރްޖް އައިލެންޑަށް ހަމަލާދީފައިވަނީ އެކުވެރި އަރަބި އިމާރާތުގެ ރައުސް އަލް-ޚައިމާ އާއި ދުބާއީއާ ވަރަށް ކައިރި ހިސާބަކުންނެވެ. އީރާނުން ރައްދު ހަމަލާދޭއިރު، އެ ސަރަހައްދުތަކުގައި އާންމުން ދިރިއުޅޭ ތަންތަނަށް ގެއްލުން ނުވާނެހެން އަމަލުކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.

