ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ނަމުގައި ސްކޭމް މެސެޖެއް ދައުރު ކުރަމުންދާތީ އެކަމަށް ސަމާލުވާން އެމަނިކުފާނު އިލްތިމާސް ކުރައްވައިފިއެވެ.
މި ރޯދަ މަހު ކޭޝް ސަޕޯޓް ގޮތުގައި 50,000 ރުފިޔާ ލިބޭ ފުރުސަތެއް ހުޅުވާލާފައިވާ ކަމަށް ބުނެ ޤާސިމްގެ ނަމުގައި ސްކޭމް މެސެޖެއް ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ އެކިއެކި ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި އެމަނިކުފާނުގެ އޭއައި ފޮޓޯ އެއް ހިމަނައިގެން ސުވާލަކާއި ލިންކެއް ހިމެނޭ ސްކޭމް މެސެޖެއް ބަޔަކު ދައުރުކުރަމުންދާކަމަށެވެ. އެ މެސެޖުތަކަކީ އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތް އަދި ސައްޙަ ނޫން މުއާމަލާތެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.
އެހެން ކަމުން މިފަދަ ސްކޭމަރުންގެ އަމަލުތަކަށް ސަމާލުވާން ޤާސިމް ވަނީ އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ފައިސާ ފޭރޭ މިފަދަ މީހުންގެ ސަބަބުން އެތައް ބައެއްގެ ވަގުތު ބޭކާރުވެ، އެތައް ބަޔަކަށް ދެރަ ނިކަމެތި ގޮތްތައް ދިމާވަމުންދާކަމަށެވެ.
ޤާސިމް މިހެން ވިދާޅުވެފައިވާއިރު މިމަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެކަނިވެސް ބޮޑެތި އަދަދުތަކުން ފައިސާ ފޭރިގެންފައިވާކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިގޮތުން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާ ހަމައަށް ޖުމްލަ 55 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ޖުމްލަ އަދަދު 494,712.70 ރުފިޔާއަށް އަރައެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން މީގެ ތެރެއިން 270,070.40 ރުފިޔާ އަނބުރާ ހޯދިފައިވާކަމަށް ފުލުހުން ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. މި ބާވަތުގެ 27 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، އޮޅުވާލައިގެން އެހެން މީހުންގެ އަތުން ފައިސާ ހޯދުމުގެ 14 މައްސަލައަކާއި، ބޭރު ފައިސާ މާރުކުރުމުގެ ތެރޭގައި ހިނގާފައިވާ 7 މައްސަލައެއް ހިމެނެއެވެ. މިކަންކަމަށް މަގުފަހިކުރުމަށް ސްކޭމަރުން ބޭނުންކުރަނީ ފޯނު ކޯލްތަކާއި، އައިބޭ، ފޭސްބުކް މާކެޓް ޕްލޭސް އަދި އެކި ކަހަލަ ފިޝިންގ ލިންކުތަކެވެ.

