ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލައި ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ފުލުހުން ހިންގި ތަހުގީގަށްފަހު، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ދައުވާ އުފުލާފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ސޮހަބް މިއަގެ މައްޗަށެވެ.
މި މައްސަލައިގެ މައުލޫމާތުތައް އާންމުކޮށް ފުލުހުން ބުނީ، މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަށް ސޮބަހް މަސައްކަތް ކުރީ އޭނާ ގެންގުޅުނު ލެޕްޓޮޕް ދަބަހެއްގައި ފޮރުވައިގެން ކަމަށެވެ. 2024، ޖޫން 28 ގައި އޭނާ ރާއްޖެ އައީ ޔޫއސް ބަންގަލާ އެއާލައިނުންނެވެ. އަދި އޭނާގެ އަތުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވުނީ ފޮށިތައް އެކްސް-ރޭ ކުރުމުގެ ތެރޭގައި ޝަައްކު ކުރެވިގެންނެވެ. އަދި އިތުރަށް ބަލައި ފާސްކުރުމަށް ފަހު ދަބަހުން ފެނުނު ޕެކެޓު ތަހުލީލި ކުރިއިރު މެތައެމްފަޓަމިންއަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭނާގެ އަތުން ފެނިފައި ވަނީ 535.66 ގްރާމްގެ މަސްތުވާތަކެއްޗެވެ.
މި މައްސަލައިގައި ބިދޭސީ މީހާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާ އެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި ބޭނުންވާ ހެކި އެއްކުރުމާއި، ތަކެތި ތަހުލީލުކުރުމުގެ އިތުރުން މައްސަލައިގައި ބައިވެރިވި ފުލުހުންގެ ބަޔާންތައް ނަގައި، ކޯޓަށް ބޭނުންވާ ހެކިތައް ހުށަހަޅާފައިވާނެކަމަށެވެ.
ކްރިމިނަލް ކޯޓުން މި މައްސަލަ ބެލުމަށްފަހު ނިންމީ، ސޮހަބްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އޭނާ ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު، 23 އަހަރާއި 3 މަހާއި 25 ދުވަހަށް ޖަލަށްލުމަށާއި، 100,000 ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އެހެނިހެން މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަނީ ބުނެފަ އެވެ.

