މާލޭ ނޯތު ހާބަރު ސަރަޙައްދު ބޭނުންކުރާ އޮޑި ދޯނި ފަހަރުން ނަގާ ފީތައް ބޮޑު ކުރުމަށް ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުެނަފައި މިވަނީ ފީ ބޮޑުކުރުމާ ގުޅޭގޮތުން އެމްޕީއެލްއާއި ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެމްޕީއެލްގެ ބަޔާނުގައޮ ބުނެފައިވާ ގޮތުގައި މާލޭ ނޯތު ހާބަރުން މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެ ކުންފުނިން ކުރިއަށް ނުގެންދެއެވެ. އަދި އެކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.
މާލޭ ނޯތު ހާބަރަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށް އެމްޕީއެލުން ބުެނަފއިވެއެވެ. އެހެންކަމުން، ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތަކާ ގުޅޭގޮތުން އެފަދަ ޙަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

