ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކަކީ އިދިކޮޅު އެމްޑީޕީން ބޭނުންވާ ގޮތަށް ނުވަތަ ބޭނުންވާ ތާރީޚެއްގައި ކުރާނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ކުރިޔަށް ގެންދާ ޑޯޓުޑޯގެ ތެރެއިން ދެއްވި އިންޓަވިއުއެއްގަ އެވެ.
ސަރުކާރުގެ ފަރާތުން މިފަހުން ގާނޫނަށް ގެނައި ބަދަލުތަކާއި، ގާނޫނުއަސާސީއަށް ހުށަހަޅައި ތަސްދީގު ކުރި އިސްލާހުތަކަކީ ޝުޖާއު ވިދާޅުވި ގޮތުގައި ގައުމު ރަނގަޅު މިސްރާބަކަށް ގެނައުމަށް ކޮންމެހެން ކުރަން ޖެހިފައި އޮތް މަސައްކަތެކެވެ. ޝުޖާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ މެމްބަރުން އިންތިހާބުވީ ރައްޔިތުންނަށް ހިދުމަތް ކުރުމަށްކަމަށްވުމާއި އެކު، އެ ހުވާގެ މަތީގައި ދެމިތިބޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ރައްޔިތުންގެ ވިސްނުން ހުރި ގޮތަކީ ކޮބައިތޯ ބެލުމަށް ނަގާ ރިފެރެންޑަމްއާއި ގުޅޭގޮތުން ޝުޖާއު ވިދާޅުވީ މިއަދު ކުއްލި ގޮތަކަށް އެމްޑީޕީގެ ވިސްނުން ބަދަލުވާން ޖެހޭ ސަބަބު ސާފުވާކަމަށެވެ. އެމްޑީޕީއަކީ ދުވަހަކު ވެސް ގައުމަށް ހެވެއް އެދިގެން މަސައްކަތް ކުރި ޕާޓީއެއް ނޫންކަމަށް ސިފަ ކުރައްވައި ޝުޖާއު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅާ އެއްވެސް ބިލަކަށް އެމްޑީޕީ ރުހޭތޯ ނުރުހޭތޯ ބަލަން ބޭނުން ނުވާކަމަށެވެ. އޭގެ ސަބަބެއްކަމަށް ޝުޖާއު ވިދާޅުވީ އެއީ އެމްޑީޕީ ބޭނުންވާ ވަގުތަކު ހުށަހަޅައިގެން ކުރަން ޖެހޭ މަސައްކަތަކަށް ނުވާތީ އެވެ.
ޝުޖާއު ވިދާޅުވީ މަޖިލީހަށް މިވީ ދުވަސްތަކުގައި ހުށަހެޅި އެއްވެސް ބިލަކަށް އެމްޑީޕީން ތާއީދުކޮށް ވާހަކަ ދައްކާފައި ނުވާނެކަމަށެވެ. އެގޮތުން ބަޖެޓާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިފާއުކުރުމަށްޓަކައި، ސަރަހައްދަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ކަނޑައަޅަން ހުށަހެޅި އިސްލާހަށް ވެސް އެމްޑީޕީން ތާއީދުކޮށްފައިނުވާކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވައި ކެޕް ކުރުމަށް ސަރުކާރުން ވަރަށް އަވަހަށް ހުށަހަޅާނެކަން ޝުޖާއު ވަނީ ފާހަގަކުރައްވާފަ އެވެ. ޝުޖާއު ވިދާޅުވީ 93 މެންބަރުން ތިއްބަވާ މަޖިލީހެއްގެ އަދަދު 100 އަށް އެރުވުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫންކަމަށާއި، 20 ވަނަ މަޖިލީހަކީ ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލުތައް ގެންނާނެ މަޖިލިސް ކަމަށެވެ.
މީގެއިތުރުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ”ޓްރާންސިޝަން ޤާނޫނު“ ނުވަތަ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނާ ގުޅޭގޮތުން ޝުޖާއު ވިދާޅުވީ، މިފަދަ ގާނޫނެއް ނެތުމުގެ ނަތީޖާއަކީ މިދިޔަ ސަރުކާރުން ވެރިކަން ބަދަލުވީ ދުވަސްވަރު ދައުލަތުގެ މާލީ ހާލަތު އޮތްގޮތް ސިއްރުކޮށްފައި އޮތުން ކަމަށެވެ.
ޝުޖާއު ވިދާޅުވީ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ކޮންމެ ބަދަލެއް ގެންނަންޖެހޭ ކޮންމެ ވަގުތަކު ގެންނަން ސަރުކާރު އޮތީ އަޒުމް ކަނޑައަޅައިގެން ކަމަށެވެ.

