ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ މުއްދަތުތައް ކައިރިވެ، އިންތިހާބުތައް ގިނަވުމަކީ ގައުމުގެ ހަމަޖެހުމަށާއި ތަރައްގީއަށް އޮތް ވަރަށް ބޮޑު ހުރަހެއްކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިހެން ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ސަންގުޓީވީން ކުރިޔަށް ގެންދިޔަ ”ހާޑް ޓޯކް“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމާ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ފަސް އަހަރެއްގެ ތެރޭގައި ތިން އިންތިހާބު ބޭއްވުމަކީ ދައުލަތަށް ނުއުފުލޭ ފަދަ ބޮޑު ބުރައެކެވެ. އެގޮތުން 2017 ވަނަ އަހަރު ސިންގަޕޯރ މެނޭޖްމަންޓް ޔުނިވާސިޓީއާއި، ސިންގަޕޫރުގެ ސަރުކާރާއި ގުޅިގެން ހެދި ދިރާސާއަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެ ރިޕޯޓުން، ރާއްޖޭގެ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މެދުކެނޑުމެއްނެތި އަންނަ އިންތިޚާބުތަކުގެ ސައިކަލްކަން ވަރަށް ސާފުކޮށް އެނގިގެން ދިޔަކަމަށް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ދެ އިންތިހާބެއްގެ ދޭތެރޭގައި ދެ އަހަރުވެސް ހަމައަށް ނުލިބޭއިރު، އޭގެ ދޮޅު އަހަރު ކުރިން ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތައް ފަށާކަމަށެވެ. މީގެ ސަބަބުން ގައުމުގެ ރައްޔިތުންނާއި، ކިޔަވާ ދަރިވަރުންންނާއި، ދައުލަތް ހިންގުމުގެ ނިޒާމު އަބަދު އޮންނަން ޖެހެނީ އަބަދު ސިޔާސީ ކޯޅުމެއްގެ ތެރޭގައިކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ގަވަނަންސްގެ ނަޒަރަކުން ބަލާއިރު، ގައުމު ކުރިއަށް ގެންދިއުމަށްޓަކާ ހަމަޖެހިލުން ބޭނުންވާކަމަށް އާޒިމާ ވަނީ ވިދާޅުވެފަ އެވެ.
2017 ވަނަ އަހަރުގެ އެ ދިރާސާއަށް ރިއާޔަތްކުރައްވައި އާޒިމާ ވިދާޅުވީ، ރާއްޖޭގައި ބާއްވާ އިންތިހާބުތައް މަދުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. މިއީ ހަމައެކަނި ގާނޫނީ ވާހަކައެއް ނޫންކަމަށާއި، މިއީ ގައުމުގެ ކުރިއެރުމާއި އިސްރާފު ކުޑަކުރުމަށްޓަކައި ގެންނަންޖެހޭ މުހިންމު ބަދަލެއްކަން އާޒިމާ ފާހަގަކުރެއްވިއެވެ.

