ތެޅޭ ވަރުން ސަހަރޯއޭ ހީވާ ކަހަލައެވެ. މަންޒިލަށް ދެވޭއިރު އެއްބަޔަކަށް ހޮޑުލެވޭ ނުވަތަ ހޮޑުލަވާ ތަން ވެސް އާދެއެވެ. އަނެއް ބަޔަކު ބޯ އަނބުރައި، ބޮލުގައި ރިއްސާ ހިސާބަަށް ދެއެވެ. މި ދައްކަނީ ހުވަދޫ ކަނޑުގައި ދަތުރުކުރާ ދޯންޏެއްގެ ވާހަކައެއް ނޫނެވެ. ދިވެހިރާއްޖޭގެ ވެެރި ރަށް “މާލޭ ސިޓީ”ގެ މަގުތަކުގައި ދަތުރުކުރާ އުޅަނދުތަކުގެ ވާހަކަ އެވެ. އަސްލު ވެސް ހީވަނީ ކަނޑު ގަދަ ދުވަހަކު ދަތުރުކުރާ ދޯންޏެއް ހެނެވެ. ކަނޑުމަތީގައި ރާޅު ހުންނަހެން މަގުމަތީގައި އަޑިގަނޑުގަނޑާއި އުސްގަނޑުތައް ހުންނަންޏާ ވާނީ ވެސް އެހެންތާއެވެ. މަގުތަކުގެ މިނަށްވުރެ، އުހަށް ހިއްލިފައި ހުންނަ ޖަންކްޝަންތަކުގެ މަތިތަކުގެ ވެސް ސަބަބުންނެވެ.
ސިޓީއެއް ތަރައްގީވެފައިވާ މިންވަރު ވަޒަންކޮށްދޭ އެއް ކަމަކީ އެތަނެއްގެ މަގުތަކުގެ ފެންވަރެވެ. ނޫންތޯއެވެ؟ ތަރައްޤީވެފައިވާ ގައުމުތަކުގެ ސިޓީތަކަށް ނަލަކަން ގެނުވަނީ، އެ ތަންތަނުގެ ފެންވަރު މޮޅު މަގުތައްކަން ގައިމު މުޖައްރިބެވެ. އެކަމަކު ދިވެހިރާއްޖޭގެ ވެރި ރަށުގެ މަގުތައް ދިމާ އިދިކޮޅެވެ.
މަގުތައް އޮތީ އާލާސްކަންފުޅާއެވެ. ވަރަށް ވެސް ބައްޔެވެ. ފަރުވާއެއް ނެތް ބައްޔެކެވެ. ކޮންމެ ގޮތެއް ވިޔަސް، ޝިފާއެއް ލިބޭނީ ކޮންމެވެސް ފަރުވާއެއް ދެވިގެންތާއެވެ. މާލޭގެ މަގުތައް އެންމެ ފުރަތަމަ ގާއަޅައި ރަނގަޅު ފެންވަރަކަށް ހެދީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގަ އެވެ. އޭރު މުޅި މާލޭގައި ގައު އަތުރައި އެ ޒަމާނާ އެކަށީގެންވާ ފެންވަރަކަށް މަގުތައް ހެދި އެވެ. އެހެން ނަމަވެސް، މާލޭގެ އާބާދީ އިތުރުވުމާއި، ބަރު އުޅަނދުތައް ގިނަވުމުގެ ސަބަބުން މަގުތަކަށް ލިބެމުންދިޔަ ގެއްލުންތައް މަރާމާތުނުކޮށް ދޫކޮށްލާފައިވުމުން މާލޭގެ މަގުތައް ވަނީ “ފުނޑިފަ” އެވެ. އެފަހުން އައި އެއްވެސް ވެރިކަމެއްގައި މާލޭގެ މަގުތަކުގެ ކުޑަ އިންސައްތައެއް ނޫނީ މަރާމާތު ކުރެވިފައެއް ނެތެވެ. އެހެންވީމާ “މީރި ކަޑަ” ނޫން ހެއްޔެވެ؟ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކުހެން ބޭނުންކުރާ 400 އެއްހާ މަގު މަރާމާތު ނުކޮށްލެވުން އަސްލުވެސް “ހަމަ ކަޑަ” އެވެ.
އުޅަނދުތައް އަބަދު މަރާމާތުކުރަން ޖެހިފައި!
މަގުތަކުގައި ހުންނަ އަޑިގަނޑުގަނޑުތަކާއި އުސްގަނޑުތަކުގެ ސަބަބުން ދުއްވާ އުޅަނދުތަކަށް އެތައް ގެއްލުމެއް ލިބެއެވެ. ދެއިރުއިރަކު ބޭސް ކާހެން އުޅަނދު މަރާމާތުކުރުމަކީ ވެސް ވަކި ކުޑަކަމެއް ނޫނެވެ. ވަގުތު ނަގާނެއެވެ. އަތުން ހަރަދުވެސް ދާނެއެވެ. ފަސޭހަ ކަމެއް ނޫނަސް މި ނޫން ދުވަހެއް އެދިއެދި ތިބެ، ޖެހޭނީ ހަމަ މަރާމާތުކުރަންތާއެވެ. އަދި ބުނަން ހެއްޔެވެ؟ ހަމައެކަނި ގެއްލުންވަނީ އުޅަނދުތަކަކަށް ނޫނެވެ. އުޅަނދުގައި ތިބޭ މީހުނަށް ވެސް ގެއްލުން ލިބޭ ފަހަރު އާދެއެވެ. މިސާލަކަށް، ސައިކަލުގައި ދާއިރު، އުސްވެފައިހުންނަ ތަންތަނުގައި ޖެހޭއިރު، މައިބަދައަށް ލޮޅުން އަރާފަދަ އެވެ. ބޮލަށް ލޮޅުން އަރާފާނެއެވެ. ނޫނީ ފޫކޮޅަށް ތަދުވެދާނެއެވެ. މި ގޮތަށް ގޮސް އަދިވެސް ކިތަންމެ ހާނިކައެއްގެ ވާހަކަ ނަންގަނެވިދާނެއެވެ. އެކަމަކު މިފަހަރަކު ނޫނެވެ.
ހިނގާ މީހާ އަށް ވެސް ވޭނާއި ތުރާ!
މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅުން ވެސް ވަނީ ގިނަ ފަހަރަށް ވޭނަކަށެވެ. ބައެއް މަގުތަކުން ދުވާރު ލޮލަށް ނުފެންނައިރު، ހިނގަހިނގާ ހުއްޓާ ކުރިބެދިދާނެއެވެ. ފަހަރުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކުގެ ސަބަބުންނެވެ. މީގެ އިތުރުން، ދުވާރު މަތީގައި ހުންނަ އަޑިގަނޑުގަނޑަށް އޮޅިގެން ފައި އެޅޭ ފަހަރެއްގައި ހަށިގަނޑަށް ލޮޅުން އަރައި، ބައެއް މީހުނަށް ތަދުތަކާ ކުރިމަތިލާން ޖެހިފައި އެބަ ހުއްޓެވެ. އަނެއް ބައި ފަހަރު އުސްގަނޑެއްގައި ފައިއެޅި ވެއްޓި ހާނިކައެއް ލިބިދާނެއެވެ. ދުވާރު މަތީގައި އަޅާފައި އޮންނަ ހޮަޅިތައް ވެސް މިއީ “ބޮޑު އުނދަގުލެއް” ނޫން ހެއްޔެވެ؟ މަގުމަތިން ލިބޭ އަނިޔާތަކުގެ ސަބަބުން ހޮސްލިޓަލްތަކަށް ފަރުވާ ހޯދަންދާ މީހުން ވެސް މަދެއް ނޫނެވެ. އަދި ބައެއް ހާލަތްތަކުގައި އެފަދަ ފަރާތްތަކަށް ދިވެހި ފުލުހުން އަދި ސިފައިންގެ އެހީތެރިކަން ވެސް ދީފައި އެބަ ހުއްޓެވެ.
މައްސަލައަށް ހައްލު ހޯދައިދިނުމަށް އަދުގެ ސަރުކާރު!
ބައެއް މަގުތައް ހަލާކުވެ، ބޭނުން ނުކުރެވޭ ހިސާބަށް ގޮސްފައި ވާތީ އާއި ފެން ހިންދުމުގެ ނިޒާމު ރަނގަޅު ކުރުމުގެ ޕްލޭނަކީ ކޮބައިތޯ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލުގެ ޖަވާބު ދެއްވަމުން، މާލޭގެ ބައެއް މަގުތަކުގައި ހުރި ގާތައް ނަގައި މަގުތައް އަލުން ހެދުމުގެ މަސައްކަތް ކުރަން ރާވަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ. އެކަމަކު، އަލުން ހަދާ މަގުތަކުގެ މައުލޫމާތެއް އަސްލަމް ނުދެއްވަ އެވެ. އަސްލަމް އެގޮތަށް ވިދާޅުވި އިރު، ފަހަކަށް އައިސް މާލެ އަށް ބޯކޮށް ވާރޭވެހިއްޖެ ނަމަ، ގިނަ މަގުތަކުގައި ފެން ބޮޑުވެ، ދަތުރުފަތުރު ކުރުމަށާއި ދިރިއުޅުމަށް ދަތިތަކާ ކުރިމަތިވެ އެވެ.
އަސްލަމް ވިދާޅުވީ، މާލޭގައި “ފޫޓަކަށް ފެން ބޮޑުވިޔަސް” މީހުންނަށް ދައްޗާއި އުނދަގޫތައް ދިމާވާ ކަމަށެވެ. މާލޭގައި ފެން ބޮޑު ވަނީ ބޮޑަށް އަޑިގަނޑު ހުންނަ ތަންތަނުގައި ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންވެ، މާލޭގެ މަގުތައް އަލުން ހަދަން މާލޭ ސިޓީ ކައުންސިލުން ޕްލޭން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަސްލަމް ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަނީ، ފެން ހިންދާ ނިޒާމު، ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމް ވެސް ހިމެނޭ ގޮތަށެވެ. އަދި މާލޭގެ މަގުތަކުގެ އަޑީގައި ހުރި ހޮޅިތައް “އިރުއިރުކޮޅާ” ކޮންނަން ނުޖެހޭ ގޮތަށް ކަންކަން ތަރުތީބުވާން ބޭނުންވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.