ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، ސަރުކާރު ހަވާލުވާ ފުރަތަމަ ދުވަހުން ފެށިގެން މެނިފެސްޓޯ ތަންފީޒުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ ޕީއެންސީން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިޔަށް ގެންދިޔަ ކެމްޕެއިން އިވެންޓެއްގަ އެވެ.
ސައީދު ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބަޖެޓު އެކުލަވާލުމުގައި، އެމްޑީޕީ ސަރުކާރުން ޓްރާންސިޝަން މުއްދަތުގައި އެއްބާރުލުން ނުދިނުމުގެ ސަބަބުން ގައުމީ ތަރައްގީގެ އެޖެންޑާއިން އެއް އަހަރު ދުވަސް ގެއްލިގެން ދިޔަ ކަމަށެވެ. ސައީދު ވިދާޅުވީ، އިންތިހާބީ މަރުހަލާގައި މިހާރުގެ ފައިނޭންސް މިނިސްޓަރ މޫސާ ޒަމީރާއިއެކު އޭރުގެ މިނިސްޓަރު އިބްރާހިމް އަމީރުއާއި ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ ރައީސް މުއިއްޒު ހުވާކުރައްވާ ދުވަހުން ފެށިގެން މެނިފެސްޓޯ ތަންފީޒުކުރަން ބޭނުންވާތީ، 2024 ވަނަ އަހަރުގެ ބަޖެޓުގައި އެކަންކަން ހިމަނައިދިނުމަށް އެދި މަސައްކަތްތައް ފެށުންކަމަށް ސައީދު ވިދާޅުވި އެވެ.
ތަރައްގީގެ މަސައްކަތްތައް އެންމެ ފުރަތަމަ ދުވަހު ވެސް ފެއްޓެވުމަށްޓަކައި، ޕްރޮޖެކްޓުތައް ބަޖެޓުގައި ހިމަނައިދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް އެމްޑީޕީން އެއްވެސް އެއްބާރުލުމެއް ނުދިންކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވި ގޮތުގައި އިންތިހާބުގައި ބޮޑު ބައްޔަކާއި ކުރިމަތިލާން ޖެހުމުން، އެމްޑީޕީ އޮތީ އިންތިހާއަށް ހިތްހަމަނުޖެހި އެވެ. އަދި މަސައްކަތް ފެށީ އައު ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރުމަށާއި މަޖިލީހުގެ ތެރެއިން ސަރުކާރަށް ހުރަސްއެޅުމަށްކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުން ފޭބީ ގައުމު އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވައްޓާލުމަށްފަހުކަން ރައްޔިތުން ގަބޫލު ކުރާކަމަށެވެ. އެގޮތުން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށާއި، ރިޒާވް އޮތީ ހުސްކޮށްލާފައިކަމަށް ސައީދު ވިދާޅުވި އެވެ. އަދި ކޮވިޑް-19 ގެ ދުވަސްވަރު ބޭރުން ލިބުނު އެހީއަށް ވުރެ އިތުރަށް 8 ބިލިއަން ރުފިޔާ ފައިސާ ޗާޕުކޮށް، ބައި-އިލެކްޝަންތަކާއި ދިމާކޮށް ބަޖެޓުން ބޭރުން ބޮޑެތި ޚަހަރަދުތަކެއް ކުރިކަމަށް ސައީދު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ހަރަދު ކުޑަވެ، ސަރުކާރު ހަވާލުވާ ފުރަތަމަ ދުވަހުން ފެށިގެން މެނިފެސްޓޯ ތަންފީޒުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިއީ އިސްރާފު ކުޑަކޮށް، ނަތީޖާ ނެރުމަށް ކުރެވޭ ހަގީގީ ރިފޯމެއްކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ސައީދު ވިދާޅުވީ، ރަށެއްގެ ތަރައްގީއަށް އެންމެ ފައިދާހުރި ގޮތަކީ ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުންދޭނެ ކައުންސިލެއް އޮތުން ކަމަށެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓުންނަކީ އިހުލާސްތެރިކަމާއެކު ރަށުގެ ބިންހިއްކުމާއި މަގުހެދުން ފަދަ މަޝްރޫއުތައް ކުރިއަށްގޮސް އެފަދަ މަސައްކަތަކަށް ހުރަހަކަށް ވާނެ ބައެއް ނޫންކަމަށް ސައީދު ވިދާޅުވި އެވެ.

