މިއަދުގެ އީދު ހުތުބާގައި ބުނީ، އީދު ދުވަހަކީ އަޅުގަނޑުމެންނަށް ހިދާޔަތްދެއްވިކަމަށްޓަކައި، މާތް اللهއަށް ޝުކުރުކޮށް، އުފާފާޅުކޮށް، މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް، ތަކުބީރުގެ އަޑު އުފުލާންވީ ދުވަސް ކަމަށެވެ. އެގޮތުން ހުތުބާގައި ބުނީ މުސްލިމުން ފާހަގަކުރާ މި ބަރަކާތްތެރި ޢީދު ދުވަސް ޒީނަތްތެރިކުރާންވީ ތަކުބީރުން ކަމަށާއި، މި ދުވަހަކީ މާތް الله ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކުރުމަށް ވާ ދުވަހެއްކަމަށެވެ.
އަޅުގަނޑުމެންނަށް ދެއްވި އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީންކަމަށާއި، ދީނުގެ މަތީގައި ސާބިތުވެ ތިބުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އަދި ޢީދުގެ އުފާފާޅުކުރުމުގައި އެކަކު އަނެކަކަށް އޮންނަންޖެހޭ އަޚުވަންތަކަމާއި އެއްބައިވަންތަކަން އިސްކުރުމަށާއި، ބައިބައިވުމާއި ހަސަދަވެރިކަމުން ދުރުހެލިވުމަށް ވަނީ ގޮވާލާފަ އެވެ.
އިސްލާމީ ޢީދުތައް ފެށިގެންދަނީ އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ޢީދު ނަމާދުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާ ކަމަށެވެ. މިއީ އެންމެހައި މުސްލިމުން ބައިވެރިވާންޖެހޭ އުފާވެރި އިޙުތިފާލެއް ކަމަށާއި، އެކަކު އަނެކަކަށް ލޯތްބާއި ކުލުނާއެކު ހަދިޔާ ބަދަލުކޮށް، ދީލަތިކަން އިސްކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

