ބޭނުންވަނީ އިންތިހާބުތަކުގައި ބަސްބުނާ ރައްޔިތުންގެ އަދަދު ގިނަވާން ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ.
ދިވެހީންގެރާއްޖެ ޕްރޮގްރާމްގައި އައިފާން ވިދާޅުވީ ”ދެ އިންތިހާބު އެއްކުރަނީ“ ކަމަށް ބުނެ އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަކީ ވަރަށް ޒިންމާދާރު ކުޑަ ވާހަކަތަކެއް ކަމަށެވެ. ސަރުކާރުން ކުރަން އުޅެނީ ނުވަތަ ސަރުކާރުން ބޭނުންވެގެން އުޅެނީ ކޮންކަމެއް ކަން ރައްޔިތުންނަށް ވަރަށް ސާފު ކަމަށް އައިފާން ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ސާފު ނުވެގެން އުޅެނީ އިދިކޮޅު ފަރާތްތަކަށް ކަމަށާއި، އެމީހުން ބޭނުންވަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ.
މެމްބަރު ވިދާޅުވީ ދެ އިންތިހާބު އެއްކުރެވޭގެ ގޮތެއް ނެތް ކަމަށާއި، އެހެންނަމަވެސް އުޅެނީ ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ކަމަށެވެ. މީގެކުރިން އަބަދުވެސް އިންތިހާބުތައްވެސް އޮންނަ ކަމަށާއި، އަދި ރިޔާސީ އިންތިހާބު ނިމި ހަމަސް ފަހުން މަޖިލިސް އިންތިހާބު އޮންނަ ކަމަށް މެމްބަރު ފާހަގަކުރިއެވެ. އައިފާން ވިދާޅުވީ ރައްޔިތުންގެ އަބަދުވެސް ޝަކުވާއަކީ އިންތިހާބުތަކަށް ސަރުކާރުން އަތްބާނާ ވާހަކައާއި އަދި އިންތިހާބުތަކަަށް ނުފޫޒު ފޯރުވާ ކަމުގެ ޝަކުވާ ކަމަށެވެ.
”ރައީސް މުއިއްޒުގެ ސަރުކާރަށް މާ ގިނަ ދުވަތަކެއް ނުވަނީ އޭރުގެ މަޖިލީހުން ސަރުކާރަށް ޖެއްސުން ކުރަން ފެށީ. ރައީސްއ އާއިއެކު މަސައްކްތ ކުރާނެ ކެބިނެޓެއް އެކުލަވާލުމަށްފަހު މި ކެބިނެޓަށް ރުހުން ހޯދުމަށް ފޮނުވީމާ މަޖިލީހުން ކެބިނެޓަށް ރުހުން ނުދީ ހިފަހައްޓާލިއޭ. މިއީ ނިމދިޔަ ސަރުކާރުތަކުގައި މުރަމުން އައި ކަމެއް ނޫން. މިއީވެސް މުޅި ސިސްޓަމް ގަޑިބަޑު ކޮށްލަންވެގެން އެމްޑީޕީގެ ސުޕަރ މެޖޯރިޓިން މަސައްކަތް ކުރަން ކުރި ކަމެއް“
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވައިގެން ގިނަ ރައްޔިތުން ވޯޓުލާން ނިކުންނާނެ ކަމަށާއި ޑިމޮކްރަސީގެ މައިގަނޑޫ އަސާސަކީވެސް ގިނަ ރައްޔިތުންތަކެއްގެ ބައިވެރިވުން ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް މަދުފަހިކޮށްދެނީ އެކަން ކަމަށް އައިފާން ވިދާޅުވިއެވެ. އައިފާން ވިދާޅުވީ އިންތިހާބުތައް އެކީގައި ބޭއްވުމުން އެ އިންތިހާބުތަކަށް ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެ ކަމަށެވެ.
އައިފާން ވިދާޅުވީ ދެ އިންތިހާބު އެކީގައި ބާއްވައިގެން ދައުރު ދަންމާލަން އުޅޭ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. މީގެން ދައުރު ދިގު ދެންމޭނެ ގޮތެއް ނެތް ކަމަށާއި، އަދި ރައްޔިތުންނަށް މިކަން ވިސްނައިދޭން އުޅުނުކަމަށް އައިފާން ވިދާޅުވިއެވެ.

