މިއަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތުން އެކި އެކި މަޝްރޫއުތަކަށް 82 މިލިއަން ރުފިޔާ ހަރަދުކުރިކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އަހަރުގެ ފުރަތަމަ ހަފުތާގެ ”ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް“ ރިޕޯޓުން ދައްކާގޮތުގައި ފުރަތަމަ ހަފުތާގައި ޚަރަދު ހިނގާނެކަމަށް އަންދާޒާކޮށްފައިވަނީ 35.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް، އެއަދަދަށް ވުރެ 184 މިލިއަން ރުފިޔާ އިތުރަށް ވަނީ ހޭދަވެފައެވެ. އަދި ޢާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 29.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް ލިބިފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ހަފުތާގައި ދައުލަތަށް 87.8 މިލިއަން ރުފިޔާ ލިބުނުއިރު ޚަރަދުކޮށްފައިވަނީ 219.9 މިލިއަން ރުފިޔާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގެއެވެ.
ފުރަތަމަ ހަފުތާގައި އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ރިކަރެންޓް ޚަރަދުގެ ގޮތުގައެވެ. މީގެތެރޭގައި ހިމެނެނީ މުސާރަ އާއި އެލަވަންސްތަކާއި ޕެންޝަން އަދި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ފައިސާއެވެ. މަޝްރޫޢުތަކަށް 82 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 137.6 މިލިއަން ރުފިޔާ އެވެ.
ފުރަތަމަ ހަފުތާގައި ދައުލަތަށް ލިބުނު ޢާމްދަނީގެ ތެރެއިން 54.2 މިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އެވެ. ޓެކްސް ނޫން ގޮތުގައި ލިބިފައިވަނީ 32.8 މިލިއަން ރުފިޔާ އެވެ. އެންމެ ގިނައިން ޢާމްދަނީ ލިބިފައިވަނީ ގުޑްސް އެންޑް ސަރވިސް ޓެކްސް (ޖީއެސްޓީ) އިންނެވެ. އެއީ 38.7 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ގިނައިން ޢާމްދަނީ ލިބިފައިވަނީ ބިޒްނަސް އެންޑް ޕްރޮޕަރޓީ ޓެކްސް (ބީޕީޓީ)ގެ ގޮތުގައެވެ. އެއީ 11.2 މިލިއަން ރުފިޔާއެވެ.

