ރާއްޖޭގައި މިއަހަރު ހުޅުވުނު ފުރަތަމަ ރިސޯޓުގެ ޝަރަފާއެކު، “ބްރެނިއާ ކޮށްޓެފަރު” ނުރަސްމީކޮށް ހުޅުވައިފި އެވެ.
ބުދަ ދުވަހު ޓޫރިސްޓުންނަށް ހުޅުވާލި ފަސް ތަރީގެ މި ރިސޯޓު، ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުއެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ހިތްގައިމު މި ރިސޯޓުގައި 20 ކެޓަގަރީއަކަށް ބަހާލައިގެން 190 ވިލާ ވަނީ ހަދާފަ އެވެ.
މީގެ ތެރޭގައި ބީޗް ވިލާތަކާއި ވޯޓާ ވިލާތަކާއި ގާޑެން ވިލާތައް ހިމެނެ އެވެ. މީގެ ކޮންމެ ވިލާއެއް ވެސް ތައްޔާރުކޮށްފައިވަނީ މޫދުގެ ރީތިކަން ތަޖުރިބާ ކޮށްލެެވޭނެ ހެންނެވެ.
މި ރިސޯޓުގައި ތަފާތު އެކި ގައުމުތަކުގެ ކެއުން ލިބޭ ރެސްޓޯރެންޓުތަކުގެ އިތުރުން، ދިވެހިންގެ ސަގާފަތް ތަޖުރިބާ ކޮށްލުމަށް، ރާއްޖޭގެ ފަންނާނުން ތައްޔާރުކޮށްފައިވާ 1000 އަށްވުރެ ގިނަ އާޓްއާއެކު ހާއްސަ އާޓް ގެލަރީއެއް ވެސް މި ރިސޯޓުގައި ހުންނާނެއެވެ.
މީގެ އިތުރުން ކަސްރަތު ކުރާ މީހުންނަށް ހާއްސަ ޖިމަކާއި ސްޓްރެސް ފިލުވާލަން ސްޕާއެއް ވެސް މި ރިސޯޓުގައި ހުރެ އެވެ. މި ސްޕާއިން ތަފާތު ބާވަތްތަކުގެ މަސާޖާއި ބިއުޓީ ޓްރީޓްމަންޓުތައް ލިބެން ހުންނާނެެއެވެ.