ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އަންނަ ފަތުރުވެރީންނަށް އިތުރު ދެ ވިސާއެއް ތަޢާރަފުކުރަނީ!

ޓޫރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަންނަ ފަތުރުވެރީންނަށް އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ގޮތުން އައު ދެ ވިސާއެއް ތަޢާރަފުކުރުމަށް ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންދަނީ ”ރިމޯޓް ވޯކިން ވިސާ“ އާއި ”ކޮންޓެންޓް ކްރިއޭޓިވް ވިސާ“ އެވެ. މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން އެނބުރި ޤައުމަށް ދާން ބޭނުންނުވާ ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކޮށްދިނުމުގައި މިހާރު އޮތް އުނދަގޫ އުސޫލުތައް ލުއިކޮށް، ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ 30 އިންސައްތަ ހިއްސާކުރަނީ މެދުއިރުމަތީގެ އެއަރލައިންތަކުން ކަމަށްވާއިރު، އެ ދަތުރުތައް ކެންސަލްވުމަކީ ރާއްޖޭގެ އިޤްތިސާދަށް ލިބޭ ބޮޑު ގެއްލުމެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 1 އިން 19 އަށް ރާއްޖެ އައީ 97,000 ފަތުރުވެރިންނެވެ. މިއީ ކުރީ ދެ މަހާ އަޅާބަލާއިރު 21 އިންސައްތައިގެ ދަށްވުމެކެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސިނާއަތް ސިންދިފާތުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ”ސްޕިއާ ފިޝިން“ އާއި ”ޓެކްނިކަލް އެންޑް ރިކްރިއޭޝަނަލް ޑައިވިން“ އަށް ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ސުޕަ ޔޮޓާއި ލިވަބޯޑް ޗާޓަރ ޓޫރިޒަމް އިތުރަށް ހަރުދަނާކުރުމަށް ވެސް ވަނީ ރޭވިފައެވެ.

މި ފިޔަވަޅުތަކަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން އިޤްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: