ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ އެ ކުއްޖާގެ ބައްޕަ ހުޅުމާލޭގައި ފިލައިގެން ދިރިއުޅެމުންދާ ފްލެޓް ކައިރައަށް އާންމުން އެއްވެ، ބިހިންގި ހަމަނުޖެހުމެއްގައި ފްލެޓްގެ ބިއްލޫރިތައް ތަޅާލައި، އިމާރާތައް ގެންލުންދީފިއެވެ.
އާންމުން އެތަނަށް އެއްވެފައި ވަނީ، ކުއްޖާގެ ބައްޕަ ހައްޔަރު ކުރުމަށް އެދި މިއަދު ހަވީރު އެވެ. އަދި އޭނާ ހައްޔަރު ނުކުރާ ނަމަ އާންމުންނާ ހަވާލުކުރުމަށް ވެސް އެ ހިސާބުގައި ދަނީ ގޮވަމުންނެވެ.
އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ދުރަށް ފޮނުވާލުމަށް ޕެޕާ ސްޕްރޭ ވެސް ޖެހި އެވެ. އެކަމަކު އާންމުގަނޑު ކޮންޓްރޯލް ނުވުމާ އެކު ރަޔަޓް ގިޔަރުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.
ކަނޑުހުޅުދޫގައި ކުޑަ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވިފައި ވަނީ އެ ކުއްޖާގެ ބައްޕަ އާއި ކާފަ އާއި މުނިކާފަ އަށެވެ. އޭގެ ތެރެއިން ކާފަ އާއި މުނިކާފަ މިއަދު މެންދުރު ފަހު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޝާމިލު ވަނީ ދެ މީހުން ކަމަށެވެ. އެގޮތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ 62 އަހަރުގެ ފިރިހެން މީހާ އާއި 81 އަހަރުގެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.
ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މީސް މީޑިއާގެ ތެރެއިންނެވެ. އެ ރަށުގެ ބައެއް މީހުން ބުނީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަން ކުއްޖާގެ ވާހަކަތަކުން އެނގޭ ކަމަށެވެ.

