ގއ. ކަނޑުހުޅުދޫގައި ރޭޕްގެ އަނިޔާ ލިބުނު ތުއްތު ކުއްޖާ އަށް ނުރައްކާ އޮތް މިންވަރު ޖެންޑާ މިނިސްޓްރީ އަށް ކުރިން އެނގިފައި ނުވާ ކަމަށް، މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ޝިދާތާ މިހެން ވިދާޅުވީ، ދެ އަހަރު ނުފުރޭ އަންހެންކުއްޖާ ރޭޕްކުރި މައްސަލައިގައި ރޭ ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައެވެ.
ޝިދާތާގެ އިތުރުން، ފުލުހުންނާއި ގއ. ކަނޑުހުޅުދޫ ކައުންސިލުން ވެސް ބުނީ ކުއްޖާ އަށް ނުރައްކަލެއް އޮތް މިންވަރު ކުރިން އެއްގޮތަކަށް ވެސް ބެލިފައި ނުވާ ކަމަށެވެ.
ކަނޑުހުޅުދޫ ކައުންސިލުން އެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ފުލުހުން ކުރަނީ އުމުރުން 62 އަހަރުގެ ކާފަ އާއި 82 އަހަރުގެ މުނިކާފަގެ މައްޗަށެވެ.
ކުއްޖާގެ ބައްޕަ އަށް ކުރަނީ އެ ކުއްޖާ ބެލުމުގައި އިހުމާޅުވި މައްސަލަ އެވެ. އޭނާ ގެންދަނީ ތަހުގީގަށް އެއްބާރުލުން ދެމުން ކަމަށް ފުލުހުން އިއްޔެ ބުންޏެވެ. އެ ތިން މީހުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށް ވަނީ ތަހުގީގަށް 15 ދުވަހަށް ބަންދުކޮށްފަ އެވެ.
ކޮމިޓީގެ މުގައްްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ކޮމިޓީގައި ވިދާޅުވީ، ކުއްޖާގެ މައިންބަފައިންގެ މަސްތުވާތަަކެތީގެ މައްސަލަތައް އޮތް ކަމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު މުނިކާފަ އަށް އޮތް ކަން ވެސް މިނިސްޓްރީ އަށް ކުރިއަކުން ނޭނގޭ ކަމަށެވެ.
ކުއްޖާ އަށް ނުރައްކާ އޮތް މިންވަރު ކުރިން ނޭނގޭ ކަމަށް ޖެންޑާ މިނިސްޓަރާއި އެހެން މުއައްސަސާތަކުން ބުނަން ފެށުމުން، ކޮމިޓީގެ މުގައްރަރާއި އެހެން ބައެއް މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެހެންވެ، މަސްތުވާތަކެތީގެ މައްސަލައިގައި ކުއްޖާގެ މައިންބަފައިންނަށް ދައުވާ ކޮށްފައި ވުމާއި އެ ކުއްޖާއާ އެއް ގެއެއްގައި އުޅޭ މުނިކާފަ އަކީ ޖިންސީ ގޯނާކުރި ކަމުގެ ދައުވާ އުފުލިފައިވާ މީހަކަށް ވުމުން އެއީ ނުރައްކަލެއް ކަމަށް ނުނިންމޭނެތޯ ވިދާޅުވެ، ޖީހާން ސުވާލު ކުރެއްވި އެވެ.

