ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާއި އެ މައުލޫމާތު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ހިއްސާ ކޮށްދެއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޚުވެއްޖެއެވެ.
ރޮޒައިނާ މިފަދައިން ވިދާޅުވީ ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކު ރޭޕް ކުރި އެމްއެންޑީއެފްއާ އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައި ނުވާ ކަމަށާ އަދި އެ މައުލޫމާތު މެންބަރު ރޮޒައިނާއަށް ވެސް ވިދާޅުވެ ދެއްވިފައި ނުވާ ކަމަށް އެ މުއައްސަސާއިން ހާމަ ކުރުމާއި ގުޅިގެންނެވެ.
ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ވާހަކަ ދެއްކެވި މެންބަރު ރޮޒައިނާ ވެސް އަދި އެކަމާ ގުޅިގެން ފުލުހުންނާ ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި ކަން ނުވަތަ އެކަން ކުރި މީހަކު ނުވަތަ ބަޔަކު ބުނެ ނުދެވުނު ކަމަށެވެ.
އެމްއެންޑީއެފްގެ އެ ބަޔާނާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ 15 އަހަރުގެ ކުއްޖާގެ މައްސަލަ ނުބަލާ ތާށިކޮށްލާފައިވާތާ 6 މަސް ދުވަސް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އައިލާގެ ކަންބޮޑުވުންތަކާއި އެކު އޭނާ އަމިއްލައިން ވިލީ ފުލުހަށް ގޮސް އެކަމުގެ ކަންބޮޑުވުން ފާޅު ކުރި ކަމަށެވެ. ކުއްޖާގެ މަންމަވެސް އެތައް މަަސައްކަތެއް ކުރިއިރު ލިބުނު އެއްވެސް ކުރިއެެރުމެއް ނެތްކަން ވެސް ރޮޒެއިނާ ވަނީ ފާޙަގަކޮށްފައެވެ.
ރޮޒައިނާ ވިދާޅުވީ ސިފައިންގެ ދެ އޮފިސަރުން އެފަދަ އަމަލެއް ހިންފުމުން މުއައްސަސާއިން ކަންބޮޑުވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އަދި އޭނާ މިފާހަގަ ކުރި މައްސަލައިގެ މައުލޫމާތު ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ. އެހެން ކަމުން އެ މައުލޫމާތު ފުލުހުންގެ ފަރާތުން އެމްއެންޑީއެފްއާއި ހިއްސާކޮށްދެއްވުމަސް އެދިވަޑައިގަންނަވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާގެ އެ ވާހަކަފުޅާއި ގުޅިގެން ކޮމެޓީއަށް ވަދައިގެންނެވި ފުލުހުންގެ ފަރާތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފި ނަމަ އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މުއައްސަސާއިން ކުރިއަށް އޮތް ތާނވެސް އަމަލު ކުރަމުން ގެންދާނީ އެގޮތަށް ކަމަށެވެ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ މައުސޫމު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކަންބޮޑުވާ ކަމެއް ކަމަށާ ލާއިންސާނީ އެ އަނިޔާވެރި އަމަލު ހިނގި ފަރާތްތަކަށް ހައްގު އަދަބު ލިބުމީ އެ މުއައްސަސާގެެ ވެސް އެންމެ ބޮޑު އެދުން ކަމަށް ބުނެފައި ވެއެވެ.

