މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ތިލަފުށީގައި ޤާއިމްކޮށްފައިވާ ”އެމްޕްޓީ ކޮންޓޭނަރ ޑީޕޯ“ ގެ ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ނިންމާލައިފިއެވެ. މި ޑީޕޯއަކީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން އެ ކުންފުނީގެ އޮޕަރޭޝަންސްތަކުގައި ބޭނުންކުރަމުންދާ ސަރަހައްދެކެވެ.
އެމް.ޕީ.އެލް އިން މަޢުލޫމާތު ދޭ ގޮތުގައި، މިހާރުވެސް އެ ސަރަހައްދުގައި ޖުމްލަ 1600 ޓީ.އީ.ޔޫ (TEU) ގެ ކޮންޓޭނަރ އެބަހުއްޓެވެ. ޖާގަ އިތުރުކުރުމަށްޓަކައި ބިން އެއްވަރުކުރުމުގެ މަސައްކަތްތައް މިހާރު ފުރިހަމަކޮށްފައިވާއިރު، އަލަށް ތަރައްޤީކުރި ސަރަހައްދު ބޭނުންކުރަން ފެށުމުން ޑީޕޯގެ ޖުމްލަ ކެޕޭސިޓީ 3000 ޓީ.އީ.ޔޫ އަށް މަތިވާނެއެވެ.
މި ޑީޕޯގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ލުޔެއް ލިބޭނެއެވެ. ނަމަވެސް، މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މުޅި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. ބަނދަރު ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފޭސް-1 ގެ ޑިޒައިން އާއި ސާރވޭގެ މަސައްކަތްތައް މި އަހަރުގެ ފެބްރުވަރީ މަހު ވަނީ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސަރވޭތައް މިހާރު ވަނީ ތާވަލަށްވުރެ އަވަހަށް ނިންމާލާފައެވެ. މިވަގުތު ކުރިއަށްދަނީ ”ޖިއޯ ޓެކްނިކަލް“ ސަރވޭގެ މަސައްކަތްތަކެވެ. މީގެ އިތުރުން، ޔާޑާއި ޓަރމިނަލްގެ ލޭއައުޓާއި ޕްލޭނިންގ މަސައްކަތްތައް އެމް.ޕީ.އެލްގެ ޓީމުތަކުން ދަނީ ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް މާލޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިންމުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވެސް ވަނީ މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، 2027 ގައި ޚިދުމަތް ދޭން ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

