މިދިއަ އަހަރު ދައުލަތުން ދައުވާ ކުރި މައްސަލަތަކަށް ވުރެ ދައުވާ ރައްދުވި މައްސަލަތައް އިތުރުވެފައިވާ ކަމަށް އެޠާނީޖެނަރަލް އޮފީހުގެ ތަފާސްހިސާބްތަކުން ދައްކައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން އާންމުކުރި ތަފާސްހިސާބްތައް ދައްކާ ގޮތުގައި މިދިއަ އަހަރު ދައުލަތާ ދެކޮޅަށް 226 މައްސަލަ ކޯޓުގައި ކުރިއަށް ދިޔައެވެ. ނަމަވެސް ދައުލަތުން އިސްވެ ދައުވާ ކުރީ 158 މައްސަލާގައެވެ.
ނަމަވެސް 2018 ވަނަ އަހަރު ދައުލަތަށް ރައްދުވި މައްސަލަތަކަށް ވުރެ، ދައުލަތުން އިސްވެ، ދައުވާ ކުރި މައްސަލަތައް ގިނަކަން ތަފާސްހިސާބްތަކުން ދައްކައެވެ. އެގޮތުން އެ އަހަރު ދައުލަތުން އެކި މީހުންނަށާއި ކުންފުނިތަކަށް ދައުވާ ކުރި މައްސަލަތަކުގެ އަދަދު 429އަށް އަރައެވެ.
މިދިއަ އަހަރު ދައުލަތަށް ދައުވާ ރައްދުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ވަޒީފާއާ ގުޅޭ މައްސަލަތަކެވެ. އެގޮތުން ވަޒީފާއާ ގުޅޭ 60 މައްސަލާގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައިވެއެވެ.
މިދިޔަ އަހަރު އެޓަރނީ ޖެނަރަލް އޮފީހުގެ ޤާނުނީ ވަކީލުން 1924 އަޑުއެހުމަކަށް ހާޒިރުވެ، ވަކާލާތުކޮށްފައިވާއިރު، ދައުލަތުގެ އިދާރާތަކަށް ރައްދުވި ދައުވާތަކުގެ ތެރެއިން އެންމެ ގިނައިން އޭޖީ އޮފީހުގެ ވަކީލުން ކޯޓުގައި ވަކާލާތު ކުރަންޖެހުނީ ފުލުހުންގެ މުއައްސަސާއާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައެވެ.
އެގޮތުން ފުލުހުންނާ ދެކޮޅަށް، ދައުލަތަށް ރައްދުވާ ގޮތަށް 43 މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ހައުސިން މިނިސްޓްރީއާ ދެކޮޅަށް ވެސް 26 މައްސަލަ ކޯޓަށް ހުށަހަޅާފައިވެއެވެ.

