މިހާރުގެ ސަރުކާރުން ކުރާހާވެސް ކަމަކީ ވަޒީފާތައް އިތުރުކޮށް ރިޝްވަތު ދިނުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި އިދިކޮޅު އެމްޑީޕީން ބޭއްވި ”އަފިރިންގެ އައްޑޫ މެނިފެސްޓޯ“ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ވަޒީފާތައް މިހާރު ފަނަރަ ހާހުން މައްޗަށް ގޮސްފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުން މަސައްކަތް ކުރަނީ ޚަރަދު ކުޑަކުރުމަށް ކަމަށް ބުނާއިރު، މި ސަރުކާރުން އަލަށް އިތުރުކުރި ވަޒީފާތަކަށް އެކަނިވެސް މަހެއްގެ މައްޗަށް 400 މިލިއަން ރުފިޔާ ހަރަދުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އިންތިޚާބުތައް އެއްކޮށްލަން އުޅެނީ ރައްޔިތުންނަށް ލިބިފައިވާ ބަސްބުނުމުގެ ބާރު ކަނޑުވާލުމަށް ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
”ޤާނޫނުގެ ވެރިކަން ނެތިކޮށްލުމަށް ބާރުތައް ޖަމާކުރުން ނޫންކަމެއް މިސަރުކާރުން ނުކުރޭ،“ ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އޭޕްރިލް މަހުގެ ތެރޭގައި ބާއްވާ އިންތިޚާބުގައި ރައްޔިތުން ނިކުމެ މިކަންކަމަށް ޖަވާބުދޭން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ފެންނަނީ ކޮންމެވެސް އެއް މުއައްސަސާއެއްގެ ބާރު ކަނޑުވާލާ މަންޒަރު ކަމަށްވެސް ވިދާޅުވިއެވެ.
އައްޑޫގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރަށަކަށް ނުވަތަ ދާއިރާއަކަށް ތަރައްޤީ ގެނެވޭނީ އެ ތަނެއްގެ ރައްޔިތުންގެ ވިސްނުމާ އެކު ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި އައްޑޫގައި 119 ކިލޯމީޓަރުގެ މަގު ހެދި ކަމަށާއި، ޓޫރިޒަމަށް 5 ރަށް އިތުރުކޮށް، އައްޑޫގެ ހުރިހާ ބަނދަރެއްވެސް ތަރައްޤީ ކުރީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޖުމްލަ 8 ބިލިއަން ރުފިޔާ އައްޑޫއަށް އެމްޑީޕީ ސަރުކާރުން ހޭދަކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މުޅި ރާއްޖެ ތަރައްޤީ ކުރެވޭނީ ލާމަރުކަޒީ ނިޒާމަކުން ކަމަށާއި، ނަމަވެސް މިހާރުގެ ސަރުކާރުން އެފަދަ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ވަކިން ޚާއްޞަކޮށް އައްޑޫ ސިޓީގެ ތަރައްޤީއަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

