މިދިޔަ އަހަރުގެ ފަހުކޮޅު ވިލިމާލެ މުހިއްޔިއްދީން ސްކޫލުގެ ދަރިވަރުން ފުވައްމުލަކަށް ކުރި ސްޓަޑީ ޓްރިޕްގައި އެ ސްކޫލުގެ ޓީޗަރަކު ދަރިވަރުންނަށް ޖިންސީ ގޯނާ ކުރުމުންވެސް އޭނާ ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ސަންގު އާއި މި މައުލޫމާތު ހިއްސާ ކުރީ އެ ސްކޫލުގެ ބެެލެނިވެރިއެކެވެ. އެގޮތުން އޭނާ ބުނީ، އެ މައްސަލަ އެނގުމާއި އެކު ދަރިވަރުންގެ ފަރާތުންނާއި ބެލެނިވެރިން ސޮއިކޮށް ސްކޫލަށް މައްސަލަ ހުށަހެޅި ކަމަށެވެ. ބެލެނިވެރިޔާ ބުނީ އެ އަމަލު ހިންގާފައިވަނީ ޕްރައިމެރީ ޓީޗަރު އާމިރު އަލީ ކަމަށެވެ. އަދި މިހާތަނަށް އެނައާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ.
މައުލޫމާތު ހިއްސާ ކުރަމުން ބެލެނިވެރިޔާ ބުނީ، އާމިރު ޖިންސީ ގޮނާ ކުރީ އެންމެ ކުއްޖަކަށް ވެސް ނޫން ކަމަށެވެ. އަދި އެ ކުދިންނާއި ދައްކަން ނުޖެހޭ ބައެއް ވާހަކަތައް، ހަޑި ހުތުރު މޭރުމަކުން ދައްކާފައިވާ ކަމަށެވެ. އެ މައްސަލަ ސްކޫލުގެ ޕްރިންސިޕަލް އާއި ހަމައަށް ވެސް ގެންދިޔަކަން ފާހަގަކޮށް ބެލެނިވެރިޔާ ބުނީ، ދިރާސީ އާ އަހަރު ފެށިގެންވެސް އޭނާ ސްކޫލަށް ނިކުންނަ ކަމަށެވެ. އަދި ސްކޫލުގެ ފަރާތުން އެކަމަށް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން، ސްކޫލުގެ ޕްރިންސިޕަލް ނާޒިމާ އަލިމަނިކްއަށް ގުޅުމުން އެންމެ ފުރަތަމަ ވިދާޅުވީ އެއީ ދޮގު ހަބަރެއް ކަމަށެވެ. އެހެން ނަމަވެސް، އާމިރުގެ ނަން ހާމަކޮށް ސުވާލު ކުރަން ފެށުމުން ޕްރިންސިޕަލް އޭނާ ހުރީ ސަސްޕެންޝަންގައި ކަމަށް ވިދާޅުވިއެވެ. ސަސްޕެންޝަންގައި ހުރި މީހަކު ސްކޫލަށް ނިކުންނަށް ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ޕްރިންސިޕަލް ވިދާޅުވީ އޭނާ ސްކޫލަށް ނިކުންނަނީ ހަމައެކަނި ސޮއި ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ އޭނާ ސުކޫލަށް ނިކުތް ނަމަވެސް އޭނާއާއި އެއްވެސް މަސައްކަތެއް ހަބާލު ކޮށްފައި ނުވާ ކަމަށާއި އަދި ސްކޫލަސް ނިކުތް ނަމަވެސް އާމިރުގެ އަލީގެ މައްސަލަ އެޑިކުޭޝަން މިނިސްޓްރީއާއި ފުލުހުން ގުޅިގެން ބަލަމުންދާ ކަމަށް ނާޒިމާ ވިދާޅުވިއެވެ.
މީގެއިތުރުން ނާޒިމާ ވިދާޅުވީ އަންހެން ދަރިވަރުންތަކަކަށް އާމިރު ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް އަދި އެކަން އޭނާގެ މައްޗަށް ސާބިތުވެފައި ނުވާ ކަމަށާއި އެހެން ކަމުން އޭނާ އަދި ވަޒީފާއިން ވަކިނުކުރޭނެ ކަމަށެވެ. އަދި އާމިރު ސްކޫލަސް ނިކުތް ނަމަވެސް ދަރިވަރުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި އާމިރުއާއި ދަރިވަރުންނާއި އެއްވެސް ގޮތަކަށް މުޢާމަލާތް ނުކުރެވޭނެ ކަމަށް ނާޒިމާ ވިދާޅުވިއެވެ.
ސަސްޕެންޝަންގައި ހުރި މީހެއްގެ މުސާރަ ހިނގާ ގޮތަށް މަސައްކަތަށް ނިކުތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސަންގާ ވާހަކަ ދެއްކެވި ބެލެމިވެރިޔާ ވަނީ ބުނެފައެވެ. އަދި ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ޓީޗަރެއްގެ މައްސަލަ ބެލެނިވެރިން ހުށަހެޅުމުންވެސް ސްކޫލުން ބަލާފައި ނުވަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މި މައްސަލަ ފުލުހުން ބަލާ ތަހުގީގު ކުރަންޖެހެއެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ފަރާތުން އަދި ވަނީ މައުލޫމާތު ސާފުވާ ގޮތް ނުވެފައެވެ.

