މިދިޔަ އަހަރުގެ ފަހުކޮޅު ވިލިމާލެ މުހިއްޔިއްދީން ސްކޫލުގެ ދަރިވަރުން ފުވައްމުލަކަށް ކުރި ސްޓަޑީ ޓްރިޕްގައި އެ ސްކޫލުގެ ޓީޗަރަކު ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ސަންގުއާއި ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިޔާ ޒާހިރު ވިދާޅުވީ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.
ސްކޫލުގެ ޕްރައިމެރީ ޓީޗަރު އާމިރު އަލީ ސްކޫލުގެ ދަރިވަރުންނަށް ޖިންސީ ގޯނާކޮށްފައިވާކަން ސަންގުޓީވީ އާއި ހިއްސާކުރީ އެ ސްކޫލުގެ ބެލެނިވެރިއެކެވެ. އެ މައުލޫމާތު ހިއްސާ ކުރަމުން އޭނާ ބުނީ، އެކަން އެނގުމާއި އެކު ދަރިވަރުންގެ ފަރާތުންނާއި ބެލެނިވެރިން ސޮއިކޮށް ސްކޫލަށް މައްސަލަ ހުށަހެޅި ކަމަށެވެ. ބެލެނިވެރިޔާ ބުނީ އޭނާއާއި މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ.
މައުލޫމާތު ހިއްސާ ކުރަމުން ބެލެނިވެރިޔާ ބުނީ، އާމިރު ޖިންސީ ގޮނާ ކުރީ އެންމެ ކުއްޖަކަށް ނޫން ކަމަށެވެ. އަދި އެ ކުދިންނާއި ދައްކަން ނުޖެހޭ ބައެއް ވާހަކަތައް، ހަޑި ހުތުރު މޭރުމަކުން ދައްކާފައިވާ ކަމަށެވެ. އެ މައްސަލަ ސްކޫލުގެ ޕްރިންސިޕަލް އާއި ހަމައަށް ވެސް ގެންދިޔަކަން ފާހަގަކޮށް ބެލެނިވެރިޔާ ބުނީ، ދިރާސީ އާ އަހަރު ފެށިގެންވެސް އޭނާ ސްކޫލަށް ނިކުންނަ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން، ސްކޫލުގެ ޕްރިންސިޕަލް ނާޒިމާ އަލިމަނިކްއަށް ގުޅުމުން އެންމެ ފުރަތަމަ ވިދާޅުވީ އޭނާ ހުރީ ސަސްޕެންޝަންގައި ކަމަށެވެ. އަދި ސްކޫލަށް ނިކުތަސް ކްލާސްތަކަށް ނުފޮނުވާ ކަމަށެވެ. އޭނާ ހަމައެކަނި ސައިން އިން ވާން ޖެހެނީ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވިއެވެ. ނާޒިމާ ވިދާޅުވީ އެއީ ތުހުމަތެއް ކަމުން އޭނާ ވަޒީފާއިން ވަކިނުކުރޭނެ ކަމަށެވެ.
ސަސްޕެންޝަންގައި ހުރި މީހެއްގެ މުސާރަ ހިނގާ ގޮތަށް މަސައްކަތަށް ނިކުތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސަންގާ ވާހަކަ ދެއްކެވި ބެލެމިވެރިޔާ ވަނީ ބުނެފައެވެ.
ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައަކާއި އެކު މިފަދަ އެތައް މައްސަލައެއް ފާއިތުވީ ތިން ދުވަހުގެ ތެރޭގައި ވަނީ އާއްމުވެފައެވެ. ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މީހުންގެ މައްސަލަތައް ތަހުގީގު ނުކުރެވުމާއި އެކު އެ މައްސަލަތައް ކޯޓުގައި ދިގުލައިގެންދެއެވެ. ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކާއި، އަނިޔާ ކުރުމާއި، ޖިންސީ، ޖިސްމާނީ އެތައް އަނިޔާއެއް ދިނުމުގެ މައްސަލަތަކެއް ފެންމަތިވިއެވެ.

