ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ މައްސަލަތައް އަވަސްކުރަން ޖޭއެސްސީއިން ފިޔަވަޅު އަޅަނީ

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރިޔަށް ގެންދާ ހަރަކާތުގެ ތެރެއިން: ފޮޓޯ- ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން އެކަމުގެ ކުށުގައި ހައްޔަރު ކުރާ މީހުންގެ މައްސަލަތައް ވީހާވެސް އަވަސްކޮށް، ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ފެންމަތިވެފައެވެ. އެގޮތުން ގދ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކަށް، އެ ކުއްޖާގެ މުނިކާފަ އާއި ކާފަ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ މުޅި ގައުމު މިވަގުތު އޮތީ ޝޮކެއްގެ ތެރޭގައެެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ދޭންޖެހޭ އަދަބު ނުދެވޭކަމަށް ބުނެ އާއްމުން ދަނީ އަޑު އުފުލަމުންނެވެ. އެގޮތުން ދެ އަހަރުގެ ކުއްޖާގެ މުނިކާފަގެ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ރެކޯޑު އޮތް ނަމަވެސް އެކަން ތަހުގީގުކޮށްފައި ނުވެއެވެ. އަދި އޭނާ މުޖްތަމައުއަށް ދޫކޮށްފައި ހުރި ސަބަބެއްކަން ފުލުހުން ބުނެފައިވަނީ އުމުުރުން ދުވަސްވެފައި ވުމެވެ.

މިކަމާ ގުޅިގެން، ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކޯޓުތަކުގައި ލަސްވާ ސަބަބު ހޯދުމަށްޓަކައި ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ބައްދަލު ކުރުމަށާއި އެ މައްސަލަތައް އަވަސް ކުރަން އެޅޭނެ ފިޔަވަޅުތައް ބަލަން ފަށައި، މި ހަފުތާގެ ތެރޭގައި އެ މަސައްކަތް ނިންމަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ޝަރީއަތް، ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ގޮތެއް ހަމަޖެއްސުމާއި އެފަދަ މައްސަލަތައް އަވަހަށް ގެންދިއުމަށް ކަންކަން ރޭވުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އަންގަން ވެސް ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.

ކަނޑުހުޅުދޫގައި ކުއްޖަކަށް ކުރި ޖިންސީ ގޯނާގެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގު ކުރުމަށް އާއްމުން ދަނީ ގޮވާލަމުންނެވެ. އެ މައްސަލައާއި ގުޅިގެން ދައުލަތުގެ މުއައްސަސާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، މަޖިލީހުން ދަނީ އެކަމަށް ފިޔަވަޅު އަޅަމުންނެވެ. ތުހުމަތު ކުރެވޭ ދެ މީހުންނާއި އެ ކުއްޖާގެ ބައްޕަ ވެސް މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ. ބައްޕަ އަށް ފުލުހުން ކުރާ ތުހުމަތަކީ ކުއްޖާ އަށް އިހުމާލުކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: