ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް އަތޮޅުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިއަދު ފަށައިފިއެވެ.
މިއީ ކުރިއަށް އޮތް އިންތިހާބުގެ ތައްޔާރީތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަތޮޅުތަކުގައި ޤާއިމުކުރާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް ކުރިއަށްދަނީ ކަނޑުމަގުންނާއި ވައިގެމަގުންނެވެ. މި މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ، ރ، ތ، ލ، ގއ، ގދ، ސ. އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅަށެވެ. މީގެ އިތުރުން ކ. އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ 2026 މާރިޗު 30 އަދި 31 މި ދެދުވަހުއެވެ.
2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް ކުރިއަށްދަނީ ދިވެހި ފުލުހުންގެ އެހީތެރިކަމާއެކުގައެވެ. މި މަސައްކަތުގައި އިލެކްޝަންސް ކޮމިޝަނުގެ ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

