ފުވައްމުލަކު ސިޓީއަށް އުމްރާނީ ތަރައްޤީ ގެނެސްދިނީ އެމްޑީޕީގެ ވެރިކަމުގައިކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ”ހޭވައްލާ ތައްޔާރު“ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ފުވައްމުލަކު ސިޓީއަށް އުމްރާނީ ތަރައްޤީ ގެނެސްދިނުމުގެ އިތުރުން ރައްޔިތުންނަށް ފުދުންތެރިކަމެއް ހޯދުމަށްޓަކައި އެމްޑީޕީއިން ލޯކަލް ޓުއަރިޒަމް ތައާރަފް ކުރެވިގެން ދިއުމުގެ ސަބަބުން އެ ސިޓީއަށް އެކަމުގެ ބޮޑެތި މަންފާތަކެއް ލިބެމުންދެއެވެ. މީގެ އިތުރުން ޓެކްސް ނިޒާމު ޤާއިމު ކުރުމާއި ރަށު ފަތުރުވެރިކަން ތައާރަފު ކުރެވުނީ މިނިވަން ދިވެހި ރައްޔިތެއް އުފެއްދުމަށްޓަކައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ ވިހި ތިރީސް އަހަރު ކުރިން އެމްޑީޕީއިންނާއި ރައްޔިތުން މިޤައުމު ބަދަލުކުރަން ލެއާއި ދާ އޮހޮރައިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކީ ފެހި ޤާނޫނު އަސާސީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
”މި ދުސްތޫރަކީ މުޅި ޤައުމު ބަދަލުކޮށްލި ދުސްތޫރެއް،“ ފައްޔާޒު ވިދާޅުވިއެވެ.
މިގޮތުން އެދުސްތޫރުން ބަދަލުކޮށްލި އެންމެ މުހިންމު ކަމަކީ މިޤައުމުގެ ވެރިންނަކީ އާންމު ދިވެހި ރައްޔިތުންކަމުގައި ކަނޑައެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަ މިއާއިއެކު ރައްޔިތުންގެ ޙައްޤުތަކެއް ކަށަވަރު ކުރެވުނު ކަމަށާއި އަދި އެ ޙައްޤުތައް ހިމާޔަތް ކުރެވޭނެ ނިޒާމުތަކެއް ގެނެވުނު ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ދިވެހި ރައްޔިތުންނަށް ތަރައްޤީއާއި ރައްޔިތުން ކުރިއަރާނެ އެތަކެއް ކަމެއް ޤާނުނު އަސާސީއިން ކަށަވަރު ކުރެވުނުކަމަށާއި، އާންމު ރައްޔިތު މީހާއަކީ ފުދުންތެރި މީހަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
ފައްޔާޒު ވަނީ މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެތައް ޒަމާނަކުން ހޯދި ސިޔާސީ ހައްޤުތަކާއި މިނިވަންކަމާ ގުޅުންހުރި ހައްޤުތައް ހަނިކޮށް، މި ސަރުކާރުން އަމަލުކުރަމުންދަނީ ދިމާ އިދިކޮޅަށްކަމުގައެވެ.

