”އަނެއް ދިވެހިރާއްޖޭގެ“ ގޯސްކަމާއި ނުރަނގަޅު ކަންކަމުގެ ވާހަކަ ދައްކަވައި، އެފަދަ މިސްރާބަކަށް ދާން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އަލައިކާގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، އަނެއް ދިވެހިރާއްޖޭގެ ނުރައްކާތެރިކަން ރައްޔިތުންނަށް އެންމެ ބޮޑަށް ވިސްނައިދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، އަނެއް ދިވެހިރާއްޖޭގައި ފަނޑިޔާރުން ވަގަށް ނެގުމާއި، ރޭގަނޑު ވަގުތުތަކުގައި ބޭނުންހާ ގޮތަކަށް މަޖާކޮށް އުޅުމާއި، އަދި ރައްޔިތުންގެ ހަރު މުދާ ވިއްކާލުން ފަދަ ކަންކަން ހިނގާނެ ކަމަށް މީގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައިވެއެވެ. ނަމަވެސް، މިހާރު އަނެއްކާވެސް އެފަދަ މިސްރާބަކަށް ދިއުމަށް ރައީސް ޔާމީން ގޮވާލައްވަމުން ގެންދަވާތީ ޝުޖާއު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޝުޖާއު ވިދާޅުވީ، 4 އޭޕްރިލްގެ ކުރިން ރައްޔިތުން މިކަންކަމާ މެދު ވަރަށް ބޮޑަށް ވިސްނާ ފިކުރު ކުރަން ޖެހޭ ކަމަށެވެ.
”ރައްޔިތުންނޭ އަޅުގަނޑުމެން އެބަ ޖެހޭ ވަރަށް ބޮޑަށް ވިސްނަން. ވެރިކަމުގެ ބޫތު ކައިފައި ތިއްބަވައިގެން ހަމަ ކޮންމެ ރާއްޖެއަކަށްވެސް އަޅޫގަނޑުމެން ގެންގޮސްދާނެ. އެހެންވީމާ އަޅުގަނޑުމެން ބޭނުމެއްނޫން އަނެއް ދިވެހިރާއްޖެއަށް ދާކަށް،“ ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ، މިހާރުގެ އަމާޒަކަށް ވާންވީ ”ދިވެހީންގެ ރާއްޖޭގައި“ މިނިވަންކަމާއެކު އުޅެވޭނެ މަގު ފަހިކުރުން ކަމަށެވެ. އެގޮތުން ދިވެހީންގެ ރާއްޖޭގައި އިޖުތިމާއީ އަމާންކަން ގާއިމުވެފައި އޮތުމާއި، ސްކޫލުތަކަށް ވޭޕު ވެއްދުން މަނާކުރުމާއި، ވަކި އުމުރުފުރާއަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއުގެ ވާހަކައިގައި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އޭނާ ވިދާޅުވީ އިޖުތިމާއީ ފޭރާން ރައްކާތެރިކޮށް، ބަދަހި އާއިލީ ނިޒާމެއްގެ ތެރެއިން ގައުމު ބިނާކުރުމަށް އެންމެން ސާބިތުކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

