ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވިނަރެސް އެޕާޓްމެންޓެއްގެ ތެރޭގައި އިންޑަސްޓްރިއަލް ލޯންޑްރީއެއް ހިންގަމުންދާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ވިނަރެސް ޓަވަރުގެ އެޕާޓްމެންޓެއްގެ ތެރޭގައި ގިނަ އަދަދެއްގެ މެޝިންތައް ބަހައްޓައިގެން ލޯންޑްރީގެ ޚިދުމަތް ދެމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ލޯންޑްރީގެ ޚިދުމަތަށް އެލްޕީޖީ ގޭސް ބޭނުންކޮށްގެން ހިންގާ ބޮޑެތި އިންޑަސްޓްރިއަލް މެޝިންތަކެއް އެ ފްލެޓްގެ ތެރޭގައި ވަނީ ހަރުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެމުން އެޗްޑީސީން ބުނީ، ވިނަރެސް ފްލެޓެއްގައި ލޯންޑްރީއެއް ހިންގާ މައްސަލަ އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
”މި މައްސަލަ އަޅުގަނޑުމެންގެ ސަމާލުކަމަށް ވަނީ އައިސްފައި. ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުހަލާގެ ދަށުން، އެ ތަނުގައި ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މިހާރު ވަނީ އެ ފަރާތަށް އަންގާފައި،“ އެޗްޑީސީން ބުނެފައިވެއެވެ.
ނަމަވެސް، އެ އެޕާޓްމެންޓްގައި ލޯންޑްރީގެ ޚިދުމަތް ހިންގަމުންދަނީ ކޮން ފަރާތަކުން ކަމެއް އެޗްޑީސީން ހާމައެއް ނުކުރެއެވެ. އާންމު ދިރިއުޅުމަށް ދޫކޮށްފައިވާ ފްލެޓެއްގައި މިފަދަ ނުރައްކާތެރި އިންޑަސްޓްރިއަލް މަސައްކަތެއް ކުރުމަކީ އެހެން ރަހީނުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

