ކޮރަޕްޝަނާމެދު ހޭލުންތެރިކަން އިތުރުކޮށް، ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް އިތުރު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައމަދު ސާލިހު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު އޭސީސީގެ މެންބަރުންގެ ކިބައިން މިކަމަށް އެދި ވަޑައިގެންނެވީ، އެ ކޮމިޝަންގެ މެންބަރުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އެ އޮފީހުގަައި ބޭއްވި މި ބައްދަލުވުމުގައި، އޭސީސީގެ މަސައްކަތަށް ސަރުކާރުން، އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވިޔަސް ނުފޫޒު ފޯރުވުމަށް އެދިވަޑައި ނުގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއް ދާއިރާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މީޣެ އިތުރުން، ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅު ގައި އޭސީސީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން، އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުންނާއި އެކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށްގެންދާ ގޮތާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މައުލޫމާތު ހިސްސާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

