ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރު ބޭނުންވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން ރައްޔިތުންގެ ކުރިމަތީ ދަން ޖައްސަން!

ކުޑަކުޑިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ: އެކަތި ބޮޑު ބެރު ގްރޫޕް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްޗަށް ކަނޑައަޅަންވީ އަދަބަކީ، ރައްޔިތުންގެ ކުރިމަތީ ދަންޖައްސައި މެރުން ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައަކާއި އެކު މިފަދަ އެތައް މައްސަލައެއް ފާއިތުވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ ފެންމަތިވެފައެވެ. ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މީހުންގެ މައްސަލަތައް ތަހުގީގު ނުކުރެވުމާއި އެކު އެ މައްސަލަތައް ކޯޓުގައި ދިގުލައިގެންދެއެވެ. ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކާއި، އަނިޔާ ކުރުމާއި، ޖިންސީ، ޖިސްމާނީ އެތައް އަނިޔާއެއް ދިނުމުގެ މައްސަލަތަކެއް ފެންމަތިވިއެވެ.

މައްސަލައާއި ގުޅިގެން ގިނަ އާއްމުން ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ. ޑީއާރުޕީގެ ލީޑަރު ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ވަނީ ފަހަކަށް އައިސް ރާއްޖޭގައި އެންމެ ގިނައިން ހިނގަމުން އަންނަ އެއް ކަމަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމާއި، ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތަކެވެ.

ޖާބިރުގެ ސިޓީގައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން މުޖްތަމައުއަށް ދޫވެފައި ތިބުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ހާއްސަކޮށް އެ މީހުން ހައްޔަރު ކުރިޔަސް ޝަރީއަތާއި ހަމައިން ދޫވުމާއި، ތަހުގީގާއި ހަމައިން ދޫވުން ނުވަތަ މައްސަލަ ސާބިތު ނުވުމަކީ ލަދުގަންނަން ޖެހޭފަދަ މައްސަލައެއްގެ ގޮތުގައި ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ. ޖާބިރު ވިދާޅުވީ ކުށް ސާބިތުވުމަށްފަހު އެ މީހުންނަށް ދެވެން އޮތް އެންމެ ބޮޑު އަދަބަކީ ގާނޫނުގެ ދަށުން ނަމަ ޖަލަށް ލުން ކަމަށެވެ. އެހެން ނަމަވެސް، ޖަލުންވެސް ކުޑަ ދުވަސްކޮޅަކަށް ފަހު މިނިވަންވާ ބައެއް މީހުން އުޅޭކަމަށް ޖާބިރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ސަރުކާރުން އެ މީހުންނަށް މައާފު ދިނުން ހިމެނޭއިރު، ސިޔާސީ ބާރުވެރިކަން ބޭނުންކޮށްގެން އެ މައްސަލަ އޮއްބާލާކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެއްގެ ގޮތުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ، އެފަދަ ސިޔާސީ ބާރުވެރިކަން އެ މީހުންނަށް ބޭނުން ކުރެވެނީ، އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތާއި ހިލާފަށް ހުކުމް ކުރާތީކަމަށެވެ. ކުޑަކުދިން ޖިންސީ ޝިކާރައަކަށް ހަދައި، އެކުދިންނަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ދެމުންދާ މީހުންގެ މައްޗަށް އިސްލާމްދީނުގައިވާ މަގުން އަދަބު ކަނޑަނޭޅި ދާނަމަ، ކަނޑުހުޅުދޫގައި ހިނގައިގެން އުޅޭފަދަ ނުރައްކާތެރި އެތައް މައްސަލައެއް ކުރިއަށް އޮތް ތަނުގައި ތަކުރާރުވުމުގެ ފުރުސަތު އޮތް ކަމުގެ ކަންބޮޑުވުން ޖާބިރު ފާޅުކުރެއްވިއެވެ. އެއާއި އެކު އެ އަމަލުތައް ހުއްޓުވުމަށް އެޅެން އޮތް ފިޔަވަޅުތައް މިހާރުން މިހާރަށް އަޅުމަށް ރައްޔިތުންގެ މަޖިލީހަށާއި، ދިވެހި ދައުލަތަށާއި އަދި ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ޖާބިރު ވަނީ ގޮވާލައްވައިފަ އެވެ.

”މިގޮތުން މިކަންކަން ހުއްޓުވެން އޮތީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަށާއި އަދި މިހާރު ހެދިފައިވާ ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށް ވީނަމަވެސް، އެކަންކަން ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފަށްޓަވައި، ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ ފަރާތްތަކުގެ މައްޗަށް ކަނޑައާޅަ އަދަބަކީ ’ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސާ މެރުން‘ ކަމުގައި ހެދުމަށް އަޅުގަނޑު ބޭނުންވާތީ މިކަން މިގޮތަށް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުން ތާއީދު ކޮށްދެއްވުމަށް އެބޭފުޅުންގެ އަރިހު އާދޭހާ އެކު އަޅުގަނޑު އެދޭކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ އެންމެހާ ކަންކަން ނިންމުމަށް މިހިނދުން މިހިނދަށް ރައްޔިތުންގެ މަޖިލިސް ހާއްސަ ޖަލްސާއެއް ބާއްވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް އަށް ދެނެވީމެވެ.“ ޖާބިރު

މިއީ ސައްތައިން ސައްތަ މުސްލިމް ގައުމަަކަށް ވީހިނދު، ޖާބިރު ވަނީ ރާއްޖޭގެ ރައްޔިތުންނަކީ އިސްލާމްދީނުގެ އަންގަވާފައިވާ ރިވެތި އަހްލާގު ހިފަހައްޓަންޖެހޭ ބަޔަކަށް ވާންޖެހޭކަމަށް ވިދާޅުވެފައެވެ.

ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ ކުއްޖަކަށް ކުރި ޖިންސީ ގޯނާގެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގު ކުރުމަށް އާއްމުން ދަނީ ގޮވާލަމުންނެވެ. އެ މައްސަލައާއި ގުޅިގެން ދައުލަތުގެ މުއައްސަސާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، މަޖިލީހުން ދަނީ އެކަމަށް ފިޔަވަޅު އަޅަމުންނެވެ. ތުހުމަތު ކުރެވޭ ދެ މީހުންނާއި އެ ކުއްޖާގެ ބައްޕަ ވެސް މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ. ބައްޕަ އަށް ފުލުހުން ކުރާ ތުހުމަތަކީ ކުއްޖާ އަށް އިހުމާލުކަމަށް ފުލުހުން ބުނެއެވެ.

https://twitter.com/drpmaldives/status/1219521850692079616

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ޝަރީއަތް، ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ގޮތެއް ހަމަޖެއްސުމާއި އެފަދަ މައްސަލަތައް އަވަހަށް ގެންދިއުމަށް ކަންކަން ރޭވުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އަންގަން ވެސް ނިންމާފައިވާ ކަމަށް ޖޭއެސްސީން ދާދިފަހުން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: