ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ އިތުރު މައްސަލަތަކެއް ބަލާކަމުގެ އިޝާރާތެއް އެމަނިކުފާނުގެ ޤާނޫނީ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ދެއްވައިފިއެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޑަކުދިން ރޭޕްކުރުމާއި ޤާސިމްގެ މަރާ ގުޅިގެން ފުލުހުންގެ އިހުމާލް އޮތްކަން އެނގިއްޖެ ކަމސާއި ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަމާލުކަން އަނބުރާލުމަށް ރައީސް ޔާމީންގެ މައްސަލަތަކެއް ތަޙްޤީގް ކުރަމުންދާ ކަމަށެވެ. ޖަމީލު ވިދާޅުވީ، މިފަހަރުވެސް ހަތިޔާރަކަށް ނަގާފައިވަނީ އަދީބާއި ޒިޔަތު ކަމަށެވެ.
https://twitter.com/MJameelAhmed/status/1219543523663331334
މީގެ ކުރިން، ރައީސް ޔާމިން އަށް ހުކުމް ކުރި މައްސަލައިގައި އަދީބާއި ޒިޔަތު ވަނީ ހެކިބަސްދީފައެވެ. ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުން އިއްތިފާގުވެ ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން މަނީ ލޯންޑަރ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

